މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ޤާނޫނުއަސާސީއަށާއި ރައްޔިތުންނަށް ޚިޔާނާތްތެރިވަމުންދާ ޖާހިލު މެންބަރުންތަކެއްގެ މައްޗަށް އެކުލެވިގެންވާ މެޖޯރިޓީއެއް ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރަށްވައިފިއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި ޑރ. އަޙްމަދު މިއަދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީގެ ކަންކަން ހުރި ގޮތުން އެއީ ޤާނޫނުއަސާސީއާއި ރައްޔިތުންނަށް ޚިޔާނާތްތެރިވަމުންދާ ބައެއްކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީން މެންބަރުންނާ މަތިކޮށްފައިވާ އަސާސީ މަސްއޫލިއްޔަތުތަކަށް ފުރަގަސްދީ، ޒާތީ މަޞްލަޙަތުތަކެއް ޙިމާޔަތްކުރުމަށްޓަކައި އިރުއިރުކޮޅާ ޤާނޫނުއަސާސީއާ ކުޅެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އިރުއިރުކޮޅާ ޤާނޫނުއަސާސީއާ ކުޅޭނީ ދުސްތޫރީ އަދި ޤާނޫނީ އުޞޫލުތަކަށް ބީރައްޓެހި ޖާހިލުންތަކެއްކަން ޔަޤީން." ޑރ. އަޙްމަދު ވިދާޅުވިއެވެ.

ހަމައެއާއެކު ޑރ. އަޙްމަދު ވަނީ، މެންބަރުން ހުވައިކޮށްގެން ތިބީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށް" ކަމަށްވާއިރު، މެންބަރުން އިސްތިޤުރާރުވެފައިވާ ދުސްތޫރީ އަދި ބަރްލަމާނީ އުޞޫލުތަކާ ޚިލާފަށް ހެނދުނާއި ހަވީރު ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ޤާނޫނުއަސާސީ ނެގެހެއްޓުންތޯ ސުވާލު އުފައްދަވާފައެވެ.

އޭގެއިތުރުން ޑރ. އަޙްމަދު ވިދާޅުވީ، ދީމިޤުރާޠީ މުއައްސަސާތައް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ޙާލަތްތަކުގައި، ރައްޔިތުންގެ ޤާނޫނުއަސާސީ ޙިމާޔަތް ކުރެވޭނީ ހަމަ ރައްޔިތުންނަށް ކަމަށެވެ.

ޑރ. އަޙްމަދު މިމޭރުމުން މަޖިލީހުގެ މެންބަރުންނަށް ފާޑުވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެންނަމުންދާ ބައެއް އިޞްލާޙުތަކާ ގުޅިގެން ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

ސަރުކާރުން މިހާރު ވަނީ އިންތިޚާބުތައް އެއްކޮށްލުމަށް ބޭނުންވާ ޤާނޫނީ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މިއީ ޑިމޮކްރެޓިކް ނިޒާމު ހަނިކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް