ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން ގައުމީ ކުޅިވަރު އެވޯޑަށް ނޮމިނޭޓްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" ގެ ޔަންގް ސްޕޯޓްސްމަން އޮފް ދަ އިޔާގެ ނޮމިނޭޝަން ލިސްޓުގައި ރައީސްގެ ދަރިކަލުންގެ ނަން ހިމެނުމުން، ގިނަ ބަޔަކު ދަނީ މިއީ ސިޔާސީ ނުފޫޒުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލައިގައި ޚިޔާލުފާޅުކުރި ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، 2024 ވަނަ އަހަރުގެ ކުޅުމަށް ބަލައި 2025 ޖެނުއަރީ މަހު ޓޭބަލް ޓެނިސް (ޓީޓީ) އެސޯސިއޭޝަނުން ނެރުނު ގައުމީ ރޭންކިންގައި އެބޭފުޅާގެ ނަމެއް ނެތެވެ. އަދި އެބޭފުޅާއަށްވުރެ މޮޅު ނަތީޖާ ހޯދި އެތައް ކުޅުންތެރިންނެއް ތިއްބާ، އެވޯޑަށް ނޮމިނޭޓްވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން، ޓީޓީ އެސޯސިއޭޝަންގެ ވީޕީ އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއާ މިކަމާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް، ސަރުކާރުގެ ނުފޫޒު ކުޅިވަރުގެ ތެރެއަށް ވަދެފައިވާ ކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މި ނޮމިނޭޝަނާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ، ޓީޓީ އެސޯސިއޭޝަނުން ބޭއްވި ކަމަށް ބުނާ 30 ވަނަ ގައުމީ މުބާރާތުގެ އެއްވެސް ޕޯޑިއަމް ފޮޓޯއަކުން އެބޭފުޅާ ފެންނަން ނެތް ކަމަށެވެ. އަދި 2024 ވަނަ އަހަރު ބޭއްވި ބައިނަލްއަގުވާމީ މުބާރާތަކަށް އެބޭފުޅާ ވަޑައިގެންނެވި އިރު، މަންމާފުޅު (ފަސްޓް ލޭޑީ) ދައުލަތުގެ ހަރަދުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގެންފައިވާތީ އެކަމަށްވެސް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.

މީގެ އިތުރުން، ރާއްޖޭގެ މޮޓޯސްޕޯޓްސް ނުވަތަ ރޭސިންގް އާއިލާއިންވެސް ދަނީ ސަރުކާރަށް ބޮޑެތި ޝަކުވާތަކެއް ހުށަހަޅަމުންނެވެ. ރޭސިންގް އެސޯސިއޭޝަން ގެ އިންޓަނޭޝަނަލް މެންބަރޝިޕް ކެންސަލްވާ ހިސާބަށް ކަންތައް ގޮސްފައިވާއިރު، ކުޅިވަރު ވަޒީރުގެ ހަބަރެއް ނުވާތާ ހަތް މަސް ވެފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މާލޭ ސަރަހައްދުގައި ރޭސިންގް ހަރަކާތްތައް ހުއްޓިފައި އޮތުމާއި، ޒުވާނުންގެ ހައްގުތައް ގެއްލެމުންދާއިރު ރައީސްގެ ދަރިކަލުންނަށް އެވޯޑު ދޭން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ އަޑުއުފުލަމުންނެވެ.

މި މައްސަލައާ ގުޅިގެން ކުޅިވަރު އެސޯސިއޭޝަންތަކުން ނުވަތަ ސަރުކާރުން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ. ނަމަވެސް، ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމަކީ ކުޅިވަރުގެ ރޫހާ ހިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު