މާލޭގައި ޓިއުޝަން ސެންޓަރެއް ހިންގާ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަނޑިޔާރު ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލޭގައި ފުޅާދާއިރާއެއްގައި ޓިއުޝަން ސެންޓަރެއް ހިންގަމުންދާ ވެރިއެއްކަން ވަނީ އެނގިފައެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، ކުޑަކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ، "ބްރައިޓް މައިންޑްސް"ގެ ވެރިޔާ ހމ. ޚައިރާތު / މާލެ، ޢަލީ އަފްލަޙު (27އ) އެވެ. ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ އެ މުއައްސަސާއިން އެންމެ އިސްކަންދީގެން ބަލަމުންދާ މައްސަލަތައް ކަމަށެވެ.

"ޢަލީ އަފްލަޙުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ." ފުލުހުން ބުނެފައިވެއެވެ.

އެގޮތުން މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު