މި ސަރުކާރަކީ ދިވެހި ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ކުދި ވިޔަފާރި ފުނޑާލި ސަރުކާރު ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްޙީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްޙީދު މިހެން ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ. މި އިސްލާހަކީ ކުދި

އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެ ގޮތަށް ގެނެވޭ ބަދަލެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، ޝަމްޙީދު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ޝަމްޙީދު ފާހަގަކުރެއްވި ގޮތުގައި، ވަކި ދާއިރާއެއް ނެތި ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން އަތްބާނަމުންދާ ކަމީ އިންތިހާ

އަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި މި ސަރުކާރުން ކުދި ވިޔަފާރިތައް ފުނޑާލަމުން ދަނީ ވަރަށް ބޮޑަށް ރޭވިގެން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި ސަރުކާރަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލި ސަރުކާރު ކަމަށާއި، މިކަމަށް ދެބަސްވާނެ ދިވެހި ރައްޔިތަކު ނުހުންނާނެ ކަމަށްވެސް ޝަމްޙީދު ވަނީ ވިދާޅުވެފައެވެ.

ޝަމްޙީދު އިތުރަށް ވިދާޅުވީ، މީގެ ކުރިން ހުޅުމާލޭގެ ގޭގޭގައި ކަބަޑު ސެޓު ޖެހުން ފަދަ މަސައްކަތްތައް ކުރަމުން އައީ ދިވެހި ކުދި ވިޔަފާރިތަކުން ކަމަށާއި ނަމަވެސް، މިހާރު އެ ފުރުސަތުތައް ޗައިނާގެ ކުންފުނިތަކަށް ދީފައިވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު ވިދާޅުވީ ރަށްރަށުގައި އައުޓްޑޯ ޖިމް ހެދުން ފަދަ ކުދި މަޝްރޫއުތަކުގެ ތެރެއަށް ވެސް ސަރުކާރުގެ ބޮޑެތި ކުންފުނިތައް ވަދެ، އާންމު ރައްޔިތުންގެ ވިޔަފާރިތަކަށް އޮތް ފުރުސަތު ހަނިކުރަމުންދާ ކަމަށާއި ޕްރޯޕްރޯ މޯލްޑިވްސްގެ ނަމުގައި ދިވެހިކުދި ވިޔަފާރިތަކަށް މިސަރުކާރުން ދެމުންގެންދާ އަނިޔާ ހުއްޓާލަންޖެހޭ ކަމަށެވެ.

"ޕްރޯ މޯލްޑިވްސްގެ ނަމުގައި ކުދިވިޔަފާރިތަކަށް އައިސްފައި ދިވެހި ކުދި ވިޔަފާރިތަކަށް މިދޭ އަނިޔާ ހުއްޓާލަންޖެހޭ،" ސަރުކާރުގެ ސްލޯގަންއަށް އިޝާރާތް ކުރައްވައި ޝަމްޙީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު ވަނީ ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާ މައްސަލައަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 15 ބިލިއަނަށް އަރާނެއެވެ. ނަމަވެސް އެ ފައިސާ ދައްކާނެ އެއްވެސް މަގެއް ސަރުކާރަށް ހޯދިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްޙީދު މިހެން ވިދާޅުވެފައި ވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން، ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ރޯދަމަހުގެ ކުރިން ދައްކަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް މިހާތަނަށް އެ ފައިސާ ދައްކާ ނިންމާފައިވާކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު