ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ވައްކަމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވެ، ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ފުލުހުމް އިލްތިމާސްކޮށްފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ޕޮލިސްގެ ނެއިބަހުޑް ސަޕޯޓު އޮފިސަރު، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަރީފް ވިދާޅުވީ، ރޯދަ މަހު ވައްކަންކުރުން ފަދަ ކުށްތައް އިތުރުވާ ކަމަށާއި، އެފަދަ ކަންކަން މަދުކުރުމުގައި އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ރޯދަ މަހު އާންމުކޮށް ވައްކަންތައް ހިނގާ ގޮތްތަކަށް އަލިއަޅުވާލައްވަމުން ޝަރީފް ފާހަގަކުރެއްވީ، ނަމާދު ވަގުތުތަކުގައި ގެއިން ނުކުމެގެން ދާއިރު ދޮރުތައް ރަނގަޅަށް ތަޅުނުލެވި ހުރުމުގެ ފުރުސަތު ކުށްވެރިން ހޯދާ ކަމަށެވެ. މިގޮތަށް ދޮރު ހުޅުވިފައި ހުންނަ ވަގުތުތަކުގައި ގޭގެއަށް ވަދެ ފޯނާއި ޓެބްލެޓު ފަދަ އަގުބޮޑު އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގާކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ކަސްރަތަށް ދާ ވަގުތުތަކުގައި ސައިކަލުގެ މަޑިދަށަށް ފޯނާއި ވޮލެޓު ފަދަ ތަކެތި ލާފައި ބެހެއްޓުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، އެފަދަ ތަކެތި މަޑިދަށުން ވަގަށް ނަގާ މައްސަލަތައް ވެސް ރިޕޯޓުކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން، އެފަދަ އަގުބޮޑު ތަކެތި ސައިކަލު މަޑިދަށުގައި ނުބެހެއްޓުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ފިޔަވަޅުތަކުގެ ބޭނުމަކީ އާންމުންގެ އަގުބޮޑު މުދާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އެހީތެރިވުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު