ހުޅުމާލޭ ފޭސް 1 ގައި ހުރި ފްލެޓުތަކަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށްޓަކައި، މާލޭގެ ފްލެޓުތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ އުސޫލުން ފައިސާގެ އެހީއެއް ހަމަޖައްސައިދިނުމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްޙީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ޑރ. ޝަމްހީދު މިކަމަށް ގޮވާލައްވާފައި މިވަނީ، މާލޭގައި ހުރި ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށް، އެ ފްލެޓުތަކުގައި ދިރިއުޅޭ ކޮންމެ އާއިލާއަކަށް މަރާމާތުގެ އެހީގެ ގޮތުގައި އެއްލައްކަ ރުފިޔާ ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަމްހީދު ވިދާޅުވީ، ހުޅުމާލޭ ފޭސް 1 ގައި ހުރި ވަރަށް ގިނަ ފްލެޓުތައް މިހާރު ހުރީ ބޮލަށް ވެއްޓޭ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އަދި އެ ތަންތަނުގެ ބަދިގޭ ކަބަޑުސެޓު ފަދަ ޒަރޫރީ ތަންތަންވެސް ހަދާފައިވަނީ އެ ފްލެޓުތަކުގެ ވެރިންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެ ފްލެޓުތަކަކީ ލިފްޓުގެ ޚިދުމަތްވެސް ލިބެން ނެތް ތަންތަންކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ، މާލޭގައި ހުރި ފްލެޓުތަކާއި ހުޅުމާލޭ ހިޔާ ފްލެޓުތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ފަދައިން، ފޭސް 1 ގެ ފްލެޓުތަކަށްވެސް އެފަދަ އެހީއެއް ބޭނުންވާ ކަމަށެވެ.

"މާލޭގައި ހުރި ފްލެޓްތަކާއި، ހުޅުމާލޭ ހިޔާ ފްލެޓްތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ފައިސާގެ އެހީދެއްވި ފަދައިން، ފޭސް 1 ގެ ފްލެޓްތަކަށްވެސް ފައިސާގެ އެހީއެއް ހަމަޖެއްސުމަށް އެދި ސަރުކާރަށް ގޮވާލަން،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ސަރުކާރުން މާލޭގެ ފްލެޓުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމީ އެ ތަންތަން މަރާމާތު ކުރުމަށް އާއިލާތަކަށް ބޮޑެތި މާލީ ތަކުލީފުތަކެއް އުފުލަންޖެހިފައިވާތީއެވެ. ޑރ. ޝަމްހީދު ވަނީ ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނަށްވެސް މި ހަމަހަމަކަން ގާއިމުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ސިނަމާލެ އަދި މާލެ ހިޔާ ފްލެޓްތަކުގެ ކުލި މާފުކޮށް، ކޮންމެ ފްލެޓަކަށް އެއްލައްކަ ރުފިޔާ ދޭން ނިންމާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އެ ތަންތަން މަރާމާތު ކުރުމަށް އެހީތެރިވުމުގެ ގޮތުން ކަމަށް ވިދާޅުވި ނަމަވެސް، މި ފައިސާ ދޫކުރަން ފަށާފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކަމަށްވާތީ، ބައެއް ފަރާތްތަކުން ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން، މި ނިންމުމަކީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. އަދި ދައުލަތުގެ ބަޖެޓުން މިފަދަ ބޮޑު ހޭދައެއް ވަކި ބަޔަކަށް ހާއްސަކޮށްގެން ކުރުމަކީ ހަމަހަމަކަން ގެއްލޭ ކަމެއް ކަމަށްވެސް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު