މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން، އެ އޮތޯރިޓީގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ތިން އެޑްވައިޒަރަކު މަގާމުން ވަކިކޮށް، އެ މަގާމުތައް އުވާލައިފިއެވެ.

އެމްއެމްއޭގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް އެޑްވައިޒަރުންގެ ދައުރު އުވާލަން ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ނިންމުމާ ގުޅިގެން މަގާމުން ވަކިކޮށްފައިވާ ތިން ބޭފުޅުންނަކީ މަރިޔަމް ހުސެން ދީދީ އާއި، އިދުހާމް ހުސެންގެ އިތުރުން މަރިޔަމް ޝިފާއެވެ.

މި ބަދަލާ ގުޅިގެން އެމްއެމްއޭ އިން ވަނީ އެ ތިން އެޑްވައިޒަރުންނަށް ނޯޓިސް ދިނުމަށްފަހު ދެ އިޚުތިޔާރެއް ހުށަހަޅާފައެވެ. އެއީ ތިން މަސްދުވަހު ވަޒީފާގައި ދެމިހުރުމާއެކު، އިތުރު ތިން މަސް ދުވަހުގެ މުސާރައާއި އިނާޔަތާއެކު މަގާމު އުވިގެންދިއުމުގެ އިޚުތިޔާރާއި، ނޯޓިސް މުއްދަތުގެ ބަދަލުގައި އެއްފަހަރާ 6 މަސް ދުވަހުގެ މުސާރައާއި އިނާޔާތްތައް ލިބޭ ގޮތަށް މަގާމުން ވަކިވުމުގެ އިޚުތިޔާރެވެ.

މަރުކަޒީ ބޭންކުގެ އިސް މަގާމުތަކަކަށް މި ބަދަލު ގެނެސްފައި މިވަނީ، ޕެންޝަން ފަންޑު މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާގެ މުއާމަލާތެއް ހިންގުމަށް ސަރުކާރުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ފައިސާ ޗާޕުކުރުމުގެ އަމަލެއްގެ ގޮތުގައި އިގުތިސާދީ މާހިރުން ސިފަކުރާ މި މުއާމަލާތާ ގުޅިގެން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ޕެންޝަން ފަންޑުން މިހާރު ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭ އަށް ވިއްކާލުމަށްފަހު، އެމްއެމްއޭއިން ޕެންޝަން ފަންޑަށް ލިބޭ 2.4 ބިލިއަން ރުފިޔާއިން، މާލީ ވުޒާރާގެ 2.4 ބިލިއަން ރުފިޔާގެ އާ ބޮންޑަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރުމަށެވެ. ނަމަވެސް އެމްއެމްއޭއިން ފައިސާ ނެރުމަކީ ފައިސާގެ ސަޕްލައި އިތުރުވެ، ފައިސާ ޗާޕުކުރުން ކަމުގައި ބެލެވޭނެ ކަމަށް އިޤްތިޞާދީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

މި މައްސަލައިގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، ދާދިފަހުން ޕެންޝަން އޮފީހުގެ ޗެއަރޕާސަނާއި، ސީއިއޯ ހިމެނޭ ގޮތުން ބައެއް އިސްވެރިން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ނަމަވެސް އެމްއެމްއޭގެ އޮނިގަނޑަށް މި ގެނައި ކުއްލި ބަދަލަކީ މަރުކަޒީ ބޭންކުގެ ހިންގުން ހަރުދަނާކުރުމަށް ގެނައި ބަދަލެއް ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި 2.4 ބިލިއަން ރުފިޔާގެ ބޮންޑާއި ގުޅޭގޮތުން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ "ޑުއަލް ކަރަންސީ" އިންވެސްޓްމަންޓް ޕްރޮޕޯޒަލްގައި އިންވެސްޓުކުރަނީ ޤާނޫނާއި ގަވާއިދުތަކާ އެގޮތްވާގޮތުގެ މަތިން ކަމަށާއި، މި މުއާމަލާތުގެ ސަބަބުން ޕެންޝަން ފަންޑަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު