ބްރެޒިލްގެ މަޝްހޫރު އަންހެން ފުޓްބޯޅަ ތަރި ކެތެލެން ސޯސާ، އިސްލާމްދީން ގަބޫލުކޮށްފިއެވެ. ސައުދީ އަރަބިއްޔާގެ އަލް ނަޞްރު ކްލަބަށް ކުޅެމުން އަންނަ ސޯސާ މިކަން ހާމަކޮށްފައިވަނީ، އޭނާގެ ހަޔާތުގެ މި މުހިންމު ނިންމުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރި އަސަރުގަދަ ވީޑިއޯއެއްގައެވެ.

އުމުރުން 29 އަހަރުގެ ޑިފެންޑަރު ބުނި ގޮތުގައި، މިއީ އޭނާގެ ހަޔާތުގައި ކުރިއަށް ދިއުމަށް އެންމެ ރަނގަޅު މަގު ހޯދުމަށް ކުރި މަސައްކަތުގެ ނަތީޖާއެވެ.

އަދި މިއީ އަމިއްލަ ނަފްސު އިސްލާހުކޮށް، މީހުންނަށް ހެޔޮލަފާ އިންސާނަކަށް ވުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ސައުދީގައި ދެ އަހަރު ދުވަހު އުޅުމަށްފަހު، މާތްވެގެންވާ މައްކާގައި ހުރެ ސޯސާ ހިއްސާކުރި މި ޚަބަރާއެކު، އޭނާގެ ޓީމުގެ ކުޅުންތެރިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

އަލް ނަޞްރުގެ އަންހެން ޓީމުންވެސް ވަނީ ސޯސާ އިސްލާމްވުމާ ގުޅިގެން ޚާއްސަ އުފާފާޅުކުރުމެއް ބާއްވައި، އޭނާއަށް ހެޔޮދުއާ ފޮނުވާފައެވެ. ކުރިން ބްރެޒިލްގެ ގައުމީ ޓީމަށާއި ރެއާލް މެޑްރިޑަށްވެސް ކުޅެފައިވާ ސޯސާ މިހާރު ތައްޔާރުވަމުން އަންނަނީ، މުސްލިމެއްގެ ގޮތުގައި އޭނާގެ ފުރަތަމަ ރަމަޟާން މަހާ ބައްދަލުކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު