ތައިރޮއިޑަކީ ކަރުގެ ކުރިމަތީގައި، ކޮކާލެއްގެ ބައްޓަމަށް އިންނަ ކުޑަ ގްލޭންޑެކެވެ. މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް އާއި، ހަކަތަ ބެލެހެއްޓުމުގެ އިތުރުން ހަށިގަނޑުގެ ގިނަ ގުނަވަންތަކެއްގެ މަސައްކަތް ރެގިއުލޭޓްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. ގިނަ ބަޔަކަށް ގަބޫލުކުރެވިފައި ނެތް ނަމަވެސް، ދަރިމައިވުމުގެ ސިއްހަތާއި ތައިރޮއިޑާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެއެވެ. ތައިރޮއިޑް ހޯރމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުން ދަރިމައިވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ.

އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ބަލާއިރު، ތައިރޮއިޑް ހޯރމޯންތަކުގެ މިންވަރު މާ ބޮޑަށް އިތުރުވުން (ހައިޕާގައިރޮއިޑިޒަމް) ނުވަތަ މާ ބޮޑަށް ދަށްވުން (ހައިޕޯތައިރޮއިޑިޒަމް)، މީގެ ސަބަބުން މައްސަރު ކަންތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މިގޮތުން މައްސަރު ކަންތައް ގަވާއިދުން ނުވުމާއި، ލޭ އަންނަ މިންވަރު މާ ބޮޑަށް އިތުރުވުން ނުވަތަ މަދުވުން ހިމެނެއެވެ. އެންމެ މުހިންމު ކަމަކީ، ތައިރޮއިޑް މައްސަލަތަކުގެ ސަބަބުން ބިސް ދޫކުރުމުގެ މަރުހަލާ ނުވަތަ 'އޮވިއުލޭޝަން' އަށް ހުރަސްއެޅުމެވެ. ބިސް

ދޫނުކުރާނަމަ، ބަލިވެ އިނުމަކީ ނާދިރު ކަމެކެވެ.

ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިހެނުންގެ ދަރިމައިވުމުގެ ފުރުސަތަށް ވެސް ތައިރޮއިޑް މައްސަލަތަކުގެ ސަބަބުން ނޭދެވޭ އަސަރުކުރެއެވެ. ތައިރޮއިޑް ހޯރމޯން ބެލެންސް ނުވުމުގެ ސަބަބުން ދަރިފަނި އުފެދޭ މިންވަރު މަދުވުމާއި، ދަރިފަނީގެ ދުވެލި ދަށްވުމުގެ އިތުރުން އޭގެ ބައްޓަމަށް ބަދަލު އައުން ފަދަ ކަންކަން މެދުވެރިވެއެވެ. މީގެ އިތުރުން، ޖިންސީ އެދުންވެރިކަން ކުޑަވުމަކީވެސް ތައިރޮއިޑް ބައްޔާ ގުޅިފައިވާ ކަމެކެވެ.

ބަލިވެ އިނުމަށްފަހު ވެސް، ތައިރޮއިޑް މައްސަލަ ހުންނަ ނަމަ އެކަމުގެ ނުރައްކާ ބޮޑެވެ. ހާއްސަކޮށް ބަލިވެ އިނުމުގެ ކުރީކޮޅު ތައިރޮއިޑް ހޯރމޯން ދަށްވެއްޖެ ނަމަ، މިސްކެރީވުން ނުވަތަ ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި އުފަންވާ ކުއްޖާގެ ސިކުނޑީގެ ކުރިއެރުމަށް ވެސް މީގެ ސަބަބުން އަސަރުކޮށްފާނެއެވެ. އެހެންކަމުން، ދަރިއަކު ހޯދުމަށް މަސައްކަތްކުރާ ކޮންމެ މީހަކީ ވެސް ތައިރޮއިޑް ޓެސްޓު ހަދައި، އެކަން ކަށަވަރުކުރަންޖެހޭ މީހެކެވެ.

ތައިރޮއިޑް މައްސަލަތަކަކީ ފަސޭހައިން ދެނެގަނެވި، ފަރުވާ ކުރެވޭނެ ކަންކަމެވެ. ލޭގެ ޓެސްޓަކުން ތައިރޮއިޑް ހުރި މިންވަރު ދެނެގަނެވިދާނެއެވެ. ޑޮކްޓަރުގެ އިރުޝާދުގެ މަތިން ގަވާއިދުން ބޭސް ބޭނުންކޮށްގެން ހޯރމޯންތައް ހަމައަކަށް އެޅުވުމުން، ދަރިމައިވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު