އަޝްވާގް ފައުޒީ   19 ފެބްރުއަރީ 2026 - 12:35
މިއީ ދީނީ ނަޒަރަކުން ބަލާއިރު ރޯދަވެރިންނަށް އޮތް ވަރަށް ބޮޑު ލުޔެކެވެ. ރޯދައަށް ހުރި މީހަކު ހަނދާން ނެތިގެން އެއްޗެއް ކެއުން ނުވަތަ ބުއިމަކީ އޭނާގެ ރޯދަ ގެއްލޭނެ ކަމެއް ނޫނެވެ.

މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ރޯދަވެރިޔާ އަމަލުކުރަންޖެހޭ އެންމެ އިސް ކަމަކީ ކެއިންބުއިމުގެ ތެރޭގައި ހުއްޓާ ރޯދައަށް ހުރިކަން ހަނދާންވުމާއެކު ވަގުތުން އެކަން ހުއްޓާލުމެވެ. އޭގެ ފަހުން އާދައިގެ މަތިން ރޯދަ ފުރިހަމަކުރަން ޖެހޭނެއެވެ.

މިގޮތަށް ހަނދާން ނެތިގެން ކުރެވޭ ކަމަކުން އެ މީހެއްގެ މައްޗަށް އެއްވެސް ފާފައެއް ނެތްއިރު، އެ ރޯދައިގެ ގަޟާ ނުވަތަ ބަދަލު ރޯދައެއް ހިފާކަށްވެސް ނުޖެހެއެވެ.

މިކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވަނީ، ހަނދާން ނެތިގެން ކައިބޮއި ހެދުމަކީ މާތްﷲ އެ މީހަކަށް ދެއްވި ކާނާއަކާއި ބުއިމެއް ކަމަށެވެ. މާނައަކީ އެއީ ގަސްތުގައި ކުރި ކަމަކަށް ނުވާތީ، މާތްﷲގެ ރަހުމަތްފުޅުން އެކަން މައާފް ކުރެއްވުމެވެ.

މިއިން ދޭހަވަނީ އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއް ކަމާއި، އިންސާނާއަށް ކުރިމަތިވާ ހަނދާންނެތުމަކީ ދީނުގައި އުޒުރެއް ކަމުގައި ބަލައިގަންނަ ކަމެވެ. އަދި ރޯދަ ހިފުމުގައި އެންމެ މުހިންމު ކަމަކީ އިންސާނާގެ ނިޔަތް ނުވަތަ ގަސްތުކަން މި ނަބަވީ އިރުޝާދުން ސާފުވެގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް