އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަކީ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭނެ އެއްވެސް ސިޔާސަތެއް ހުށަހަޅާ ބައެއް ނޫން ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ސިޔާސަތުތަކާއި މެނިފެސްޓޯ އޮތީ އެމްޑީޕީގެ ކެންޑިޑޭޓުންގެ އަތުގައި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ކުރެވިފައިވާތަން ނުފެންނަ ކަމަށެވެ. އުތުރުން ތުރާކުނުން ފެށިގެން ދެކުނުން އައްޑޫ ސިޓީގެ ހުޅުދުއާ ހަމައަށް ބެލި ނަމަވެސް، ފެންނަން އޮތް ހަގީގަތަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ހުއްޓި، ގައުމުގެ ތަރައްގީ މަޑުޖެހިފައިވާ އޮތްތަން ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޑީޑީ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ނުވަތަ އެމަނިކުފާނު ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ވޯޓުދޭން ބުނުމަކީ ގާނޫނުއަސާސީގެ ރޫހާ ޚިލާފު ކަމެއް ކަމަށެވެ. ގާނޫނުއަސާސީގައި އޮންނަނީ ރައްޔިތުންގެ އިންތިޚާބަކުން ކަންކަން ނިންމުން ކަމަށާއި، ކައުންސިލް އިންތިޚާބަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނެ ގާބިލުކަން ހުރި ބަޔަކު ހޮވަންޖެހޭ އިންތިޚާބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީއެންސީގެ ކެންޑިޑޭޓުން ނިކުމެ ރައްޔިތުންގެ ގާތުގައި ދައްކަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ އެ ދާއިރާގެ މަޖިލިސް މެންބަރަށް ސަނާކިޔުމުގެ ވާހަކަ. އެބޭފުޅުންގެ އަމިއްލަ ސިޔާސަތެއް ނުވަތަ ރައްޔިތުންނަށް ކޮށްދޭނެ ކަމެއްގެ ވާހަކައެއް ނުދައްކާ،" ޑރ. ޑީޑީ ވިދާޅުވިއެވެ.

ކުރީގެ ފިޝަރީޒް މިނިސްޓަރު ކަންވެސް ކުރެއްވި ޑރ. ޑީޑީ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުން ނިކުންނަނީ ދާއިރާގެ ރައްޔިތުންނާ މަޝްވަރާކޮށް، އެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހިމަނައިގެން ތައްޔާރުކޮށްފައިވާ މެނިފެސްޓޯއަކާއެކު ކަމަށެވެ. ލޯކަލް ކައުންސިލްގެ ގާނޫނަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި، ޕީޕީއެމް/ޕީއެންސީއަކީ އަބަދުވެސް ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ބައެއްކަމަށް ޑރ. ޑީޑީ ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން، ޕީއެންސީގެ ކެންޑިޑޭޓުންނަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އެއްވެސް ސިޔާސަތެއް އޮތް ބައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް