ޗާގޮސް ޖަޒީރާތަކުގެ އުތުރު ސަރަޙައްދުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، ދިވެހި އަސްކަރިއްޔާގެ އެންމެ ބޮޑު މަނަވަރު "ކޯސްޓް ގާޑް ޝިޕް ދަރުމަވަންތަ" އާއި އެއާ ކޯޕްސްގެ ޑްރޯންތައް ބޭނުންކޮށްގެން ޚާއްޞަ ސަވައިލެންސް އޮޕަރޭޝަނެއް ފަށައިފިއެވެ.

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކޮށް، މިދިޔަ އަހަރުގެ އޮގަސްޓު މަހު ޚިދުމަތަށް ނެރުނު "ދަރުމަވަންތަ" މަނަވަރަކީ ޑޮޣާން ކްލާސް ފާސްޓް އެޓޭކް ކްރާފްޓެކެވެ. 58 މީޓަރުގެ ދިގުމިން ހުންނަ މި މަނަވަރުގައި 76 އެމްއެމްގެ ބަޑިއަކާއި 35 އެމްއެމްގެ ޑަބަލް ބެރަލް ބަޑިއެއް ހަރުކޮށްފައިވާއިރު، މިއީ 38 ނޮޓުގެ ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ، ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި މިހާތަނަށް ބޭނުންކުރާ އެންމެ ބޮޑު އުޅަނދެވެ. މި އޮޕަރޭޝަނުގައި ކަނޑުގެ މަގުން މި މަނަވަރު ހަރަކާތްތެރިވާއިރު، ވައިގެ މަގުން ސަވައިލެންސް ޑްރޯން ސްކޮޑްރަނުން ދަނީ މުޅި ސަރަޙައްދު މޮނިޓަރު ކުރަމުންނެވެ.

އެކްސްޕްރެސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ މި ވަރުގަދަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ބޭރުގެ އެތައް އުޅަނދެއް ހުއްޓުވައި، ބަލައިފާސްކޮށްފައިވެއެވެ. މީގެ ތެރޭގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބައެއް އުޅަނދުތައް ވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

ޗާގޮސްގެ ސިޔާދަތީ ބާރު މޮރީޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ނިންމެވުން ގަބޫލުނުކުރައްވާނެ ކަމަށް ރަސްމީކޮށް ވިދާޅުވެފައެވެ. ރައީސް ސިފަކުރެއްވި ގޮތުގައި އެއީ ރާއްޖޭގެ ސަރަޙައްދީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ނިންމުމެކެވެ. އަދި ތާރީޚީ އަދި އާކިއޮލޮޖިކަލް ހެކިތަކުން ޗާގޮސްއަކީ ރާއްޖޭގެ ލާޒިމީ ބައެއްކަން ސާބިތުވާ ކަމަށާއި، އެ ޖަޒީރާތަކާ މޮރީޝަސްއާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އިނގިރޭސި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން، 2025 ވަނަ އަހަރުގެ މެއި މަހު ޗާގޮސްގެ ސިޔާދަތު ވަނީ ރަސްމީކޮށް މޮރީޝަސްއަށް ބަދަލުކޮށްފައެވެ. ނަމަވެސް، ރާއްޖެއިން ދަނީ ބައިނަލްއަޤުވާމީ މައިދާނުގައި އެ ނިންމުމާ ދެކޮޅަށް ވަކާލާތުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ހައްގުތައް ކަށަވަރުކުރުމަށް ސިޔާސީ އަދި އަސްކަރީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރު ކުރިއަށްދާ ސަވައިލެންސް އޮޕަރޭޝަނަކީ ވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ.



ކިޔުންތެރިންގެ ހިޔާލު