الله ސުބުޙާނަހޫ ވަތަޢާލާ މައްސަރުތަކުގެ ތެރެއިން ރަމަޟާންމަސް އެތައް ގޮތަކުން މާތް ކުރަށްވައި މަތިވެރި ކުރަށްވައި، އެ މަހުގައި ކީރިތި ޤުރްއާން ބާވައިލަށްވައި އަދި ޚާއްޞަ އަޅުކަމެއްގެ ގޮތުގައި ރޯދަ ފަރުޟުކުރެއްވިއެވެ.

މި މައްސަރަކީ ކުރެވޭ ހެޔޮ ކަންކަމަށް މަތިވެރި ޖަޒާ ދެއްވާ، ތަޤުވާވެރިކަން އިތުރު ކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ރަމަޟާންމަހުގެ ފުރަތަމަ ރެއިން ފެށިގެން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވި، ޝައިޠާނުންނާއި ޖިންނީންގެ ތެރެއިން މާރިދުން ކަސްތަޅު އެޅުއްވޭނެއެވެ.

ތައުބާވުމަކީ ކުރެވިފައިވާ އެންމެހައި ފާފަތަކުން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި اللهގެ ޙަޟުރަތުގައި އިޚުލާޞްތެރިކަމާއެކު ދުޢާދެންނެވުމެވެ. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމާއެކު، ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑު ފާފައަކަށް ވިއަސް އެކަމުން ތައުބާވާންޖެހޭނެއެވެ.

ރަސޫލު الله ﷺ އަކީ އެކަލޭގެފާނުގެ ފާފަފުއްސަވައި ދެއްވައިފައިވާ ބޭކަލަކަށް ވީ ހިނދުވެސް، ކޮންމެ ދުވަހަކު ހަތްދިހަ ފަހަރަށް ވުރެ ގިނައިން ތައުބާވެ، އިސްތިޣުފާރު ކުރެއްވިއެވެ. އެހެންކަމުން، މުސްލިމުން އެކަލޭގެފާނު ނަމޫނާއަކަށް ބަލައި ގިނަގިނައިން ތައުބާވުން މާ އައުލާކަން ބޮޑެވެ.

ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއްކަން ބަޔާންކުރައްވައި، މާތް ނަބިއްޔާ ވަނީ ތަޤުވާވެރިކަން ވަނީ ހިތުގައިކަން އެކަލޭގެފާނުގެ މޭފުޅަށް އިޝާރާތްކުރައްވައި އަންގަވައިފައެވެ. ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވުމުގެ މައިގަނޑު ޙިކުމަތަކީވެސް ތަޤުވާވެރިވުމެވެ.

މި މައްސަރުގައި ރަސޫލު الله އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރައްވައި، ކީރިތި ޤުރްއާން މުދާރަސާކުރަށްވައި، އަދި އެހެން މައްސަރުތަކަށް ވުރެ ބޮޑަށް ހެޔޮ ކަންކަމުގައި ދީލަތިވެ ވަޑައިގަންނަވައެވެ. އަދި އަމިއްލަފުޅަށް ރޭއަޅުކަން ކުރެއްވުމުގެ އިތުރުން، އެކަލޭގެފާނުގެ އަހުލުވެރިންވެސް އެކަމުގައި ބައިވެރިކުރައްވައި ހޭނުއްވިއެވެ.

ރަމަޟާންމަހަކީ ހެޔޮކަމާއި ފާފަފުއްސެވުމުގެ މޫސުމަކަށް ވާތީ، މުސްލިމު މުޖުތަމަޢުތަކުގައި މި މަހުގެ މަތިވެރިކަން ދަމަހައްޓާން ޖެހެއެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހެއެވެ. މިގޮތުން ހާމަކަން ބޮޑު ގޮތެއްގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭ ކަމެއް ނޫނެވެ. އެފަދަ ޚިދުމަތްތައް ދިނުމުގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭއިރު، ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ މީހުންވެސް މި މާތް މައްސަރުގެ ޙުރުމަތް ދަމަހައްޓަންވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު