އަހުމަދު ޔާމިން   20 ފެބްރުއަރީ 2026 - 13:47
މާތްﷲ އަހަރެމެންނަށް ފޮނުއްވާ މައްސަރުތަކުގެ ތެރެއިން ރަމަޟާންމަހަކީ އެތައް ގޮތަކުން މާތްކުރައްވައި މަތިވެރިކުރައްވައިފައިވާ މައްސަރެކެވެ. މި މައްސަރުގެ މާތްކަން އިތުރުވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ އިންސާނިއްޔަތަށް ހިދާޔަތެއްގެ ގޮތުގައި ކީރިތި ޤުރްއާން ބާވައިލެއްވުމެވެ. މީގެ އިތުރުން، އިސްލާމްދީނުގެ ފަރުޟު ފުރިހަމަކުރުމަށްޓަކައި ރޯދައިގެ މަތިވެރި އަޅުކަން މި މަހުގައި ލެއްވުމާއި، މި މަހުގައި ކުރާ ހެޔޮ ކަންކަމަށް މާތްﷲ ދެއްވާ ޖަޒާ އެތައް ގުނައަކަށް އިތުރުކުރައްވައިފައިވުމީ މި މައްސަރުގެ ޚާއްޞަ ސިފައެކެވެ.

ތައުބާވުމަކީ މުސްލިމަކަށް ކުރެވޭ އެންމެ މުހިންމު އެއް ކަމެވެ. އެއީ ކުރެވިފައިވާ އެންމެހައި ފާފަތަކުން ދުރުހެލިވެ، އެ ކަންކަން ކުރެވުނު ކަމުގެ މައްޗަށް ދެރަވެ ހިތާމަކޮށް، ދެން ދުވަހަކުވެސް އެފަދަ ކަމަކަށް އަރައިނުގަތުމަށް ގަދަ ޢަޒުމަކާއެކު އިޚުލާޞްތެރިކަމާއެކު މާތްﷲގެ ޙަޟުރަތުގައި ދުޢާދެންނެވުމެވެ. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ، އެ ޙައްޤެއް އަދާކުރުމަކީ ތައުބާގެ ޝަރުޠެކެވެ. ފާފައަކީ ކިތަންމެ ކުޑަ ފާފައެއް ނަމަވެސް ނުވަތަ ބޮޑު ފާފައެއް ނަމަވެސް، އެ ކަމަކުން ތައުބާވުން ލާޒިމެވެ.

މާތްﷲ ވަޙީކުރަށްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسرافކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللهގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللهއީ، އެންމެހައި ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ." އެހެންކަމުން، އެންމެހައި މީސްތަކުން މާތްﷲގެ ޙަޟުރަތަށް ރުޖޫޢަވެ ތައުބާވުމަށް އަޅުގަނޑު ގޮވައިލަމެވެ.

ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާ ކަމެކެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައިވަނީ: (وَاللهِ إِنِّـيْ لَأَسْتَغْفِرُ اللهَ وَأَتُوْبُ إِلَيْهِ، فِي الْيَوْމِ أَكْثَرَ مِنْ سَبْعِيْنَ مَرَّةً) މާނައީ: "މާތް الله ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ރެޔާއިދުވާލު ހަތްދިހަ ފަހަރަށް ވުރެ ގިނައިން اللهގެ ޙަޟުރަތަށް ތައުބާވެވަޑައިގެން، އިސްތިޣުފާރު ކުރައްވަމެވެ." ފާފައެއް ނެތް މާތް ނަބިއްޔާ ﷺ މިފަދައިން އަމަލުކުރެއްވި އިރު، އަޅުގަނޑުމެން ތަޤުވާވެރިކަންމަތީ ތިބުމަށްޓަކައި ގިނަގިނައިން ތައުބާވުން މާ އައުލާކަން ބޮޑެވެ.

ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެކެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: (اَلتَّقْوَى هَـٰهُنَا، اَلتَّقْوَى هَـٰهُنَا، وَيُشِيْرُ إِلَى صَدْرِهِ) މާނައީ: "ތަޤުވާވެރިކަންވަނީ މިތާނގައެވެ. ތަޤުވާވެރިކަންވަނީ މިތާނގައެވެ." (މޭފުޅަށް އިޝާރާތްކުރައްވަމުން). މީގެ މާނައަކީ ހިތްނިޔަތް ޚާލިޞްކުރުމަކީ ތަޤުވާވެރިވުމުގެ އަސާސެވެ. މާތްﷲ އަބަދުވެސް ބައްލަވައިވޮޑިގެންވާކަން ދަނެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމަކީ ތަޤުވާވެރިވުމެވެ. ރަމަޟާންމަހު ރޯދަ ފަރުޟުކުރެއްވުމުގެ މައިގަނޑު ޙިކުމަތަކީވެސް އަޅުތަކުން ތަޤުވާވެރިވުމެވެ.

މި މައްސަރުގެ ދަރުމަ ފުރިހަމައަށް ހޯދުމަށްޓަކައި ރަސޫލާ ﷺ ގެ އާދަކާދަފުޅުތައް ދަސްކުރަންޖެހެއެވެ. އެކަލޭގެފާނު ރަމަޟާންމަހު އެހެން މަސްތަކަށްވުރެ ގިނައިން އަޅުކަމުގައި ވަގުތު ހޭދަކުރައްވައެވެ. ޚާއްޞަކޮށް ޖިބްރީލްގެފާނާ ބައްދަލުކުރައްވައި ކީރިތި ޤުރްއާން މުދާރަސާކުރައްވައެވެ. އިބްނު ޢައްބާސް رضي الله عنه ރިވާކުރައްވާފައިވާ ގޮތުގައި، ރަސޫލާ ﷺ އަކީ އެންމެ ދީލަތި ބޭކަލެވެ. އަދި އެކަލޭގެފާނުގެ ދީލަތިކަން ރަމަޟާންމަހު ޖެހޭ ފިނި ވައިރޯޅިއަކަށްވުރެ ވެސް ބޮޑަށް ޢާންމުވެގެންދެއެވެ.

ރަމަޟާންމަހަކީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވި، ޝައިޠާނުން ކަސްތަޅު އެޅުވޭ މައްސަރެކެވެ. ކޮންމެ ރެއަކުވެސް ނަރަކައިން މިންޖުކުރައްވާ ބަޔަކު ވާނެކަން ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން އެނގެއެވެ. އެހެންކަމުން، މިއީ ދުޢާކުރުމުގެ މައްސަރެވެ. މާތްﷲ ވަޙީކުރައްވައިފައިވަނީ: "ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاءކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ." ހަމައެހެންމެ، ރޭއަޅުކަން ކުރުމަކީ އިސްވެދިޔަ ފާފަތައް ފުއްސެވޭނެ ކަމެއްކަމުގައި ޙަދީޘްގައިވެއެވެ.

ރަމަޟާންމަހުގެ ޙުރުމަތް ހިފެހެއްޓުމަކީ މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ވާޖިބެކެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން ވެސް މިކަމަށް ސަމާލުވާންޖެހެއެވެ. ހާމަކަން ބޮޑު ގޮތެއްގައި ދުވާލު ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ މީހުން ވެސް މި މަތިވެރި މައްސަރުގެ ޙުރުމަތް ދަމަހައްޓަންވާނެއެވެ.

މަސްދަރު: (20 ފެބްރުއަރީ 2026ގެ ހުކުރު ޚުތުބާ)



ކިޔުންތެރިންގެ ހިޔާލު