ދުނިޔޭގެ ބައެއް ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަމަށް އިންގިލާބީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވައިގެ ތެރޭގައި ހުންނަ ތެތްކަން ބޭނުންކޮށްގެން ސާފު ބޯފެން އުފައްދާ މެޝިނެއް ތައާރަފުކޮށްފިއެވެ.

މި އީޖާދުގެ ފަހަތުގައި ހުންނެވީ 2025 ވަނަ އަހަރުގެ ކެމިސްޓްރީ ދާއިރާއިން ނޯބެލް އިނާމު ހާސިލުކުރެއްވި ސައިންސްވެރިޔާ އުމަރު ޔާގީއެވެ. އުރުދުންގެ ރެފިއުޖީ ކޭމްޕެއްގައި، އިސްކުރު ފެނުގެ ޚިދުމަތެއް ނެތް މާހައު

ލެއްގައި ބޮޑުވި ޔާގީ މި މެޝިން އުފެއްދެވީ "ރެޓިކިއުލާ ކެމިސްޓްރީ" ބޭނުންކޮށްގެންނެވެ.

މިއީ ވައިގެ ތެރޭގައި ހުންނަ ކުޑަ ތެތްކަން ނުވަތަ ހިއުމިޑިޓީ ދަމައިގަނެ، އެއިން ސާފު ބޯފެން އުފެއްދުމަށް ތައްޔާރުކޮށްފައިވާ ޚާއްޞަ މާއްދާތަކެއް ބޭނުންކޮށްގެން މަސައްކަތްކުރާ ނިޒާމެކެވެ.

މި މެޝިނުގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ، ހަނަފަސް ސަހަރާ ފަދަ ވައިގެ ތެރޭގައި ތެތްކަން މަދު ސަރަޙައްދުތަކުގައި ވެސް މީގެން ފެން އުފެއްދޭ ކަމެވެ. ވަށައިގެންވާ މާހައުލުގެ ހޫނުމިން ބޭނުންކޮށްގެން ހަކަތަ ހޯދާ މި މެޝިނުން ދުވާލަކު 1,000 ލިޓަރާ ހަމައަށް ސާފު ބޯފެން އުފެއްދުމުގެ ގާބިލުކަން ލިބިގެންވެއެވެ. މިއީ ކަނޑުގެ ލޮނުފެން މީރުފެނަށް ހެދުމަށް ކުރަންޖެހޭ ބޮޑު ޚަރަދާއި ބިމުގެ އަޑީގެ ފެންފަށަލައަށް ކުރާ ބާރު ކުޑަކޮށްދޭނެ ތިމާވެއްޓާ ރައްޓެހި ހައްލެކެވެ.

މިފަދަ އީޖާދެއްގެ މުހިންމުކަން ބޮޑުވެފައިވަނީ ދުނިޔެ މިހާރު އޮތީ "ފެނުގެ ބަނގުރޫޓުވުމުގެ" ދުވަސްވަރެއްގައި ކަމަށް އދ. އިން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 2.2 ބިލިއަން މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭއިރު، 4 ބިލިއަން މީހުން އަހަރަކު މަދުވެގެން އެއް މަސް ދުވަހު ފެނުގެ ދަތިކަން އިންތިހާއަށް ތަހައްމަލު ކުރެއެވެ.

އުމަރު ޔާގީގެ މި އީޖާދަކީ ފެނުގެ ދަތިކަން ކުރިމަތިވެފައިވާ ގައުމުތަކަށާއި، ޚާއްޞަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުންމީދެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު