ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ނިންމާފައިވާ ނިންމުމަށް އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށާއި، ކުރިއަށް އޮތް ރެފަރެންޑަމްގައި ޕާޓީގެ ނިންމުމާ އެއްގޮތަށް ވޯޓު ދެއްވާނެ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ޑިމޮކްރަސީއަށް ކުރާ ހަރަދަކީ ބޮޑު ހަރަދެއް ނޫނެވެ. ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ސަބަބުން ޓެކްސްގެ ނިޒާމު ހަރުދަނާވެ، ދައުލަތުގެ އާމްދަނީ އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންތިހާބުތައް ވަކިން ބޭއްވުމަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ތަރައްގީއަށް މަގުފަހިވާ ކަމެއް ކަމަށާއި، ރައްޔިތުންގެ ބައިވެރިވުން ކުޑަވާނެ އެއްވެސް ކަމަކަށް ރައްޔިތުންގެ ތާއީދު ނުލިބޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީން ވަނީ ރެފަރެންޑަމް ވޯޓު ހުއްޓުވުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރަކީ ގާނޫނާ ހިލާފު ގަރާރެކެވެ.

މީގެ އިތުރުން، ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އަންނަ މަހުގެ 21 ވަނަ ދުވަހު މުޒާހަރާ ކުރުމަށާއި މުޅި ރާއްޖޭގައި ކެމްޕެއިން ހަރަކާތްތައް ހިންގުމަށްވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު