އިސްލާމްދީނުގެ ފަރުޟު ފަސް ރުކުންތަކުގެ ތެރެއިން ރޯދަ ހިފުމަކީ، އަޅާ އާއި ﷲ އާ ދެމެދުގައިވާ ވަރަށް ޚާއްޞަ އަޅުކަމެކެވެ. ރޯދަވެރިޔާގެ އިޚްލާޞްތެރިކަމާއި ކެތްތެރިކަމަށްޓަކައި ﷲ ތަޢާލާ އެ އަޅުކަމަށް ދެއްވާ ސަވާބާއި ދަރަޖަ އެހެން އަޅުކަންތަކަށްވުރެ ބޮޑުވެގެންވެއެވެ.

މިކަމާ ގުޅޭގޮތުން ކައު ރަސޫލާ ﷺ ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ކޮންމެ ހެޔޮ އަމަލަކީ އޭނާއަށްޓަކައިވާ ކަމެކެވެ.

ނަމަވެސް ރޯދަ ފިޔަވައެވެ. އެހެނީ ހަމަކަށަވަރުން ރޯދައީ ތިމަން ރަސްކަލާނގެއަށްޓަކައިވާ އަޅުކަމެކެވެ. އަދި އެއަށް ޖަޒާ ދެއްވާނީވެސް ތިމަން ރަސްކަލާނގެއެވެ. އަދި ﷲ ގަންދީ ބުނަމެވެ. ރޯދަވެރިޔާގެ އަނގައިން ދުވާ ވަސް (ރޯދައަށް ހުރުމުގެ ސަބަބުން އަނގައިން ދުވާ ވަސް)، ﷲ ގެ ހަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ މީރުވެގެންވެއެވެ." (ޞަޙީޙުލް ބުޚާރީ: 5927)

މި މަތިވެރި ޙަދީޘްފުޅުން އެނގިގެންދަނީ، ދުނިޔެމަތީގައި މީސްތަކުންނަށް ނުބައި ވަހެއްގެ ގޮތުގައި އިހުސާސް ކުރެވުނު ކަމުގައިވިޔަސް، އެއީ ﷲ އަށްޓަކައި ކުރާ އަޅުކަމެއްގެ ސަބަބުން އުފެދޭ ވަހެއް ކަމުގައިވާތީ، އެކަލާނގެ ހަޟްރަތުގައި އެއީ ވަރަށް ލޮބުވެތި މީރު ވަހެއްގެ ގޮތުގައި ލައްވާފައިވާ ކަމެވެ. މިއީ ރޯދަވެރިންނަށް ދެއްވާފައިވާ ވަރަށް ބޮޑު އުފާވެރިކަމަކާއި މަތިވެރި ދަރަޖައެކެވެ.



ކިޔުންތެރިންގެ ހިޔާލު