މާލޭގެ ޓީޖެޓީ ސަރަހައްދުން ބޯޓެއްގެ ކެޕްޓަނަކާ އޮޅިގެން ހަވާލުކުރެވުނު 94،000 ރުފިޔާ ހިމެނޭ ސިޓީއުރައެއް ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ފައިސާތަކަކީ މި މަހުގެ 10 ވަނަ ދުވަހު ޓީޖެޓީގައި އޮތް ބޯޓެއްގެ ކެޕްޓަނާ ހަވާލުކުރި ފައިސާތަކެކެވެ. ނަމަވެސް، އެ ފައިސާ ލިބެންޖެހޭ ފަރާތަށް ނުލިބި ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

މާފަންނު ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލާފައިވެއެވެ. އެހެންނަމަވެސް، ފުޓޭޖުން އެއީ ކޮން ބޯޓެއްކަން ސީދާ ދެނެގަނެވޭ ގޮތް ނުވުމުން، ފުލުހުން ވަނީ ސީދާ ޓީޖެޓީ ސަރަހައްދަށް ގޮސް އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކޮށްފައެވެ. މި މަސައްކަތުން އެއީ ކޮން ބޯޓެއްކަން ދެނެގަނެވި، އެ ބޯޓުގެ ކެޕްޓަނާ ގުޅޭނެ ގޮތް ވަނީ ފަހުން ހޯދާފައެވެ.

ފުލުހުން ބުނި ގޮތުގައި، ބޯޓުގެ ކެޕްޓަނާ ގުޅުނުއިރު ބޯޓު އޮތީ ވ. އަތޮޅުގައެވެ. ކެޕްޓަން ފުލުހުންނަށް މައުލޫމާތު ދިން ގޮތުގައި، މީހަކު ގެނެސްދިން ސިޓީއުރައެއް ބޯޓުގެ ލޮކަރުގައި އޮތެވެ. އެ ފައިސާތައް މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، އެ ފައިސާއަކީ ދ. އަތޮޅުގައި ތަރައްގީކުރަމުންދާ ރިސޯޓެއްގެ މުވައްޒަފުންގެ މުސާރައަށް ފޮނުވި ފައިސާއެވެ. އަދި ފައިސާ ހަވާލުކުރި ފަރާތަށް އޮޅިގެން ފައިސާ ހަވާލުކުރެވިފައިވަނީ، އެ ފައިސާ ގެންދަންޖެހޭ ބޯޓުގެ ކެޕްޓަނަށް ނޫން ކަމާއި، އެހެން ބޯޓެއްގެ ކެޕްޓަނަކަށްކަން ފުލުހުން ފާހަގަކުރިއެވެ.

ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ނަގުދު ފައިސާ ގެންގުޅުމުގައާއި، އެކަކުއަނެކަކާ ފައިސާ ހަވާލުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

"ފައިސާ ހަވާލުކުރާއިރު، ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަގީންކުރުމާއި، ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރުކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަމެއް،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި،ފައިސާ ފަދަ ތަކެތި ހަވާލުކުރުމުގައި މައުލޫމާތު ސާފުކުރުމާއި ކަށަވަރުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު