ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް މުޅި ގައުމު ހިބަކޮަށް ނުދިނުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނަގާ ރެފްރެންޑަމްގައި ސަރުކާރާ ދެކޮޅަށް "ނޫނެކޭ" ބުނުމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ގޮވާލައްވައިފިއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކުރީގެ ރައީސް ޔާމިންގެ ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ޑރ.ޖަމީލް ވިދާޅުވީ އިންސާނަކަށް ވީތީ ބަލާލަންޖެހޭ ވަރުގެ ކަމަކީ ވެރިކަން ލިބުނު ގޮތް ކަމަށާއި، ރައީސް މުއިއްޒަށް އެ ފުރުސަތު ލިބިވަޑައިގަތީ ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުންނާއި، އެމަނިކުފާނަށް ތާއީދުކުރި އެތައް ހާސް ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށެވެ.

ނަމަވެސް، މިއަދު ރައީސް މުއިއްޒަކީ "ނުލަފާ" މީހެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ވިދާޅުވެ، ޑރ. ޖަމީލް ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ކުރީގެ ޖަސްޓިސް މިނިސްޓަރު ކަން ވެސް ޖަމީލް އިތުރަށް ވިދާޅުވީ، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވެސް މިއަދު ހުންނެވީ "ތޯލާފުޅިއަކަށް" ލާފައި ކަމަށާއި، ރައީސް މުއިއްޒަށް ފެނިވަޑައިގަންނަވަނީ މުޅި މި ރާއްޖެއަކީ އެމަނިކުފާނުގެ އަމިއްލަ މިލްކެއްގެ ގޮތުގައި ކަމަށެވެ.

"ހަގީގަތަކީ މުއިއްޒަކީ ރައްޔިތުން ކައިރީ ދޮގު ހަދައިގެން ވަޒީފާ ލިބުމުން، އެ ރައްޔިތުންނަށް އޮޅުވާލައިގެން ރައްޔިތުންގެ ފައިސާގައި އަޗާތަޅަމުންދާ ނޯކަރެއް،" ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޑރ. ޖަމީލްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ޕީއެންސީއަކީ ސީދާ ރައީސް މުއިއްޒު ކަމަށް ސިފަކުރައްވަމުން ޖަމީލް ވިދާޅުވީ، ހުރިހާ ދިމާއަކުން ޕީއެންސީއާއި ރެފްރެންޑަމަށް ނޫނެކޭ ބުނަންޖެހެނީ، ރައީސް މުއިއްޒު ފަދަ ބޭފުޅަކަށް މި ގައުމު ހިބަކޮށް ނުދިނުމަށްޓަކައި ކަމަށެވެ.

ސަރުކާރަށް އަމާޒުކޮށް ޑރ. ޖަމީލް މިފަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރިގަދަވެ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ރެފްރެންޑަމްގެ ބަހުސްތައް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު