ދިވެހި ފިލްމީ ދާއިރާގެ މަގުބޫލު އެކްޓަރު މުއާޒް އަބްދުﷲ، ދިވެހި ސިނަމާގެ ތަޖުރިބާކާރު ފަންނާނު ނިމާލް ވަކިވެދިއުމާ ގުޅިގެން ނުހަނު އަސަރުގަދަ އިހުސާސްތަކެއް ބަންޑުންކޮށްލައިފިއެވެ.

މުއާޒް ބުނިގޮތުގައި މިއަދަކީ އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ ފުން އަސަރަކާއި ހިތާމައެއް ވެރިވެފައިވާ ދުވަހެކެވެ. ފިލްމީ އާއިލާގެ އެންމެ އުސް އެއް ތަނބުގެ ގޮތުގައި ސިފަކުރަމުން މުއާޒް ވަނީ، ނިމާލަކީ އޭނާގެ އަމިއްލަ ބައްޕައެއް ފަދަ އަޒީޒު އެކުވެރިއެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ވޭތުވެދިޔަ 18 އަހަރުގެ ދިގު މުއްދަތުގައި، ފިލްމީ މަސައްކަތުގެ ތެރެއިން ނިމާލްގެ ފަރާތުން ނުހަނު މުހިއްމު ފިލާވަޅުތަކެއް ލިބިފައިވާކަން މުއާޒް ފާހަގަކުރިއެވެ.

މަސައްކަތުގެ މައިދާނުގައި ދެއްވި އިރުޝާދާއި، ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްގައި ދެއްވި ހިތްވަރަކީ މިއަދު އޭނާ ހުރި ހިސާބަށް އައުމުގެ އެންމެ ބޮޑު އަސްލު ކަމަށް މުއާޒް ބުންޏެވެ. އެކުގައި ހޭދަކުރި ކޮންމެ ސިކުންތަކީ އަގުނުކުރެވޭނެ ފަދަ ހަނދާންތަކެއް ކަމަށާއި، އެއީ އުފެދުނު ގާތް އަހުވަންތަ ގުޅުމެއްކަން އޭނާގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

މުއާޒް އިތުރަށް ބުނެފައިވަނީ، ނިމާލް މި ދާއިރާއަށް ކޮށްދެއްވި އެންމެ ފަހު މަސައްކަތް އޭނާއާ އެކު ނިންމާލެވުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. އެ މަސައްކަތަކީ ނިމާލް މި ދާއިރާއަށް ދޫކޮށްލެއްވި "އެންމެ ފަހުގެ ޖަވާހިރު" ކަމަށް ސިފަކުރަމުން، އެ މަސައްކަތުގެ ތެރެއިން ފެނިގެންދިޔަ ހިތްވަރާއި ފަންނުވެރިކަން އަބަދުވެސް ނަމޫނާއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގައި އޭނާ ބުންޏެވެ.

ކިތަންމެ ގިނަ ދުވަހަކު އެކުގައި އުޅުނު ކަމުގައިވިޔަސް، ވަކިވެދިއުމުގެ ވަގުތަކީ އަބަދުވެސް ހިތްދަތި ވަގުތެއްކަން ފާހަގަކުރަމުން މުއާޒް ވަނީ ނިމާލަކީ މި ދާއިރާ ދުށް ހަގީގީ ލެޖެންޑެއްގެ ގޮތުގައި އިިއުލާންކޮށްފައެވެ.

އޭނާގެ ލިޔުން ނިންމާލާފައިވަނީ މަރުހޫމްގެ ފުރާނައަށް ރަހުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާކުރަމުންނެވެ. އަދި މި ހިތްދަތި ވަގުތު އާއިލާއަށާއި ފިލްމީ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި މުއާޒް ވަނީ އިހުލާސްތެރި ދުއާއެއް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު