އަހުމަދު ޔާމިން   27 ފެބްރުއަރީ 2026 - 14:42
އަހަރެމެންނާ ބައްދަލުކޮށްފައިވާ މި ބަރަކާތްތެރި ރަމަޟާންމަހަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުމުގެ މަހެއް ނޫނެވެ. މިއީ ޖިހާދުގެ މައްސަރެވެ. އިންސާނާގެ ހަށިގަނޑުން ކުރެވޭ ޖިހާދުގެ އިތުރަށް، އޭނާގެ ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރެވެ. މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން އިންސާނާ އޭނާގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅައެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (وَالْمُجَاهِدُ مَنْ جَاهَدَ نَفْسَهُ فِيْ طَاعَةِ اللَّهِ) މާނައީ: "އަދި މުޖާހިދަކީ، الله سُبْحَانَهُ وَتَعَالَىއަށް ކިޔަމަންތެރިކަން އަދާކުރުމުގައި، އޭނާގެ އަމިއްލަ ނަފުސާ ދެކޮޅަށް ޖިހާދުކުރާ މީހާއެވެ."

ރޯދަވެރިޔާ އޭނާގެ ކުރިމަތީގައި الله سُبْحَانَهُ وَتَعَالَى އޭނާއަށް ޙަލާލުކުރައްވައިފައިވާ ކާތަކެއްޗާއި، ފެން ލިބޭން ހުންނަ ޙާލުވެސް، އެކަލާނގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އެ ތަކެއްޗާ ދުރުހެލިވަނީ އޭނާގެ ނަފުސު އެ ކަމަށް އެދި ގޮވާ ޙާލުގައެވެ. ސިއްރިޔާތުގައި ވެސް އެއިން ކަމަކާ ކައިރިނުވެ ދުރުހެލިވެގެން ހުންނަ ހުރުމަކީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖައެވެ. ނަތީޖާއެއްގެ ގޮތުން ކެތްތެރިކަން އިތުރުވެ، ޝައިޠާނީ ގޮވުންތަކާއި ހަވާނަފުސުގެ މައްޗަށް ގަދަވެގަތުމުގެ ބާރު އޭނާއަށް ލިބެއެވެ. މި މަތިވެރި ޖިހާދުގައި ލިބޭ ކާމިޔާބީއަކީ މުޅި އަހަރުދުވަހު الله سُبْحَانَهُ وَتَعَالَى ޙަރާމްކުރައްވައިފައިވާ ޢަމަލުތަކުން ދުރުހެލިވުމަށް ލިބޭ ނުހަނު މަތިވެރި ތަމްރީނެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންރަސްކަލާނގެ މަގުގައި جهادކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، الله ވޮޑިގެންވަނީ، إحسان ތެރިންނާ އެކުގައިކަން ކަށަވަރެވެ."

ރަމަޟާންމަހަކީ ނަފުސުގެ ޖިހާދުގެ އިތުރަށް އިސްލާމްދީނުގެ ޢަދުއްވުންނާ ދެކޮޅަށް މުސްލިމުން އެންމެ ބޮޑެތި ނަޞްރާއި ކާމިޔާބީތައް ޙާޞިލުކުރި މައްސަރު ވެސް މެއެވެ. އިސްލާމީ ތާރީޚު ބަދަލުކޮށްލި މަޝްހޫރު ބަދުރު ހަނގުރާމަ ކުރެވުނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާންމަހު ސަތާރަވަނަ ދުވަހުއެވެ. ހާހަކަށް ވުރެ ގިނަ ކާފިރުންގެ ވަރުގަދަ ލަޝްކަރު މުސްލިމުންގެ ތިންސަތޭކައެއް ހައި މީހުންގެ ލަޝްކަރުގެ އަތްދަށުވެ ބަލިވުމަކީ މުސްލިމުންނަށް ލިބުނު އެންމެ ވަރުގަދަ ކާމިޔާބީއެވެ. ނަތީޖާއަކަށްވީ "ޔައުމުލްފުރުޤާނު"ގެ ނަމުން އެ ދުވަހަށް الله سُبْحَانَهُ وَتَعَالَى ކީރިތި ޤުރްއާނުގައި ނަންދެއްވުމެވެ. الله سُبْحَانَهُ وَتَعَالَى ވަޙީކުރައްވައިފައިވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި الله، ތިޔަބައިމީހުންނަށް نصرދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللهއަށް تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكرވެރިވުމަށް ޓަކައެވެ." މިކަމުން އެނގެނީ ނަޞްރު ލިބޭނީ ހަމައެކަނި ބާރުގެ ގޮތުން ނޫންކަމާއި، الله سُبْحَانَهُ وَتَعَالَىއަށް އޮންނަ އިތުބާރާއި އީމާންކަމުގެ ވަރުގަދަކަމުން ކަމެވެ.

މީގެ އިތުރުން، މައްކާ ފަތަޙަކުރެވުނީ ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާންމަހުގެ ވިހިވަނަ ދުވަހެވެ. މި ފަތަޙައާއެކު މުޅި ޢަރަބިކަރަ ފަތަޙަވިއެވެ. މި ޙާދިސާއިން އަހަރެމެންނަށް އެނގެނީ ޙަޤީޤީ ކާމިޔާބަކީ ބާރުލިބޭ ހިނދު އަނިޔާވެރިވުން ނޫންކަމާއި، ރޯދައިގެ ރޫޙާނީ ތަރުބިޔަތުން ނަފުސު ތަހުޒީބުކުރުން ކަމެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَن لَّـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ وَالْـجَهْلَ، فَلَيْسَ لِلَّهِ حަاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ) މާނައީ: "ދޮގުވާހަކަދެއްކުމާއި އެ ފަދަ ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު އެއްޗެތި ގޮވައި، ޖާހިލުކަން އިސްކޮށް އުޅޭ މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވެ ހުރުމަކަށް، ﷲ تَعَالَى އެދިވޮޑިއެއްނުގަންނަވައެވެ." ހަމައެފަދައިން އަންދަލުސް ފަތަޙަވުމާއި، ތަތާރުންގެ މައްޗަށް މުސްލިމުން ހޯދި ވަރުގަދަ ކާމިޔާބީތަކަކީ ވެސް ރަމަޟާންމަހުގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެވެ.

ރަމަޟާންމަހަކީ ކަންނެތްކަން އިޚުތިޔާރުކޮށް ނިދުމުގެ މައްސަރެއް ނޫނެވެ. އެއީ އަޅުކަމުގައި ހީވާގިވާންވީ މަހެވެ. ޚާއްޞަކޮށް ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނާންވީ ދުވަސްތަކެކެވެ. ރަސޫލާ ﷺ ފަހުދިހައަށް އެޅުމުން އެކަލޭގެފާނުގެ ކަމަރު ބަންނަވައި، ރޭތައް އިޙުޔާކުރައްވައި، އަދި އަހުލުންނަށް ގޮވައި ހެއްދެވިއެވެ. އަދި ސުވަރުގެވަޑައިގެންފުމަށް ދާންދެން ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފަށް އިންނެވިއެވެ.

މި މަތިވެރި މައްސަރުގެ ކާމިޔާބީ ހޯދާން ބޭނުން މީހާ ލައިލަތުލްޤަދުރި ހޯދާން ގަދައަޅައި މަސައްކަތްކުރާށެވެ. އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ، ހުރިހައި ހެޔޮކަމަކުން މަޙުރޫމުވެއްޖެއެވެ. އަދި ރަމަޟާންމަހުގެ މަތިވެރިކަން ދަމަހައްޓައި، އެހެން ދީންތަކުގެ މީހުންނާއި ބިދޭސީންނަށް ވެސް އިޙުސާންތެރިވާންވާނެއެވެ. ރަށްރަށުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން، އާންމުންގެ ކުރިމަތީގައި ހާމަކޮށް ކެއިންބުއިމުގެ ޚިދުމަތް ނުދީ، ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސަންވާނެއެވެ. އަދި ފަތުރުވެރީން ޢާންމުންގެ ތެރޭގައި އުޅޭއިރު އިޖުތިމާޢީ މިންގަނޑުތަކަށް އިޙުތިރާމްކުރުމަށް އިރުޝާދު ދޭންވާނެއެވެ.

ހަމައެއާއެކު ރަމަޟާންމަހު އަހަރެމެންނަށް ކުރެވޭ ކުށްތަކުގެ ކައްފާރާއެއްގެ ގޮތުންނާއި ފަޤީރުންނަށް އެހީވުމުގެ ގޮތުން ފިޠުރު ޒަކާތް އަދާކުރުމަށް އަވަސްވެ ގަންނަންޖެހެއެވެ. ރަސޫލާ ﷺ ފިޠުރު ޒަކާތް ފަރުޟުކުރެއްވީ ރޯދަވެރިޔާ ޠާހިރުކޮށްދޭ ކަމެއްގެ ގޮތުގައްޔާއި މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައެވެ.

މަސްދަރު: (27 ފެބްރުއަރީ 2026 ގެ ހުކުރު ޚުތުބާ)



ކިޔުންތެރިންގެ ހިޔާލު