އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދިނުމަށް ތެހެރާނުން ތައްޔާރުވަމުންދާ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވެއްޖެއެވެ.

އެ އޮފިޝަލް ހާމަކުރެއްވި ގޮތުގައި، އީރާނުން ދޭން ނިންމާފައިވާ ރައްދު ހަމަލާތަކަކީ "ވަރަށް ވަރުގަދަ އަދި ފަނާކުރަނިވި" ހަމަލާތަކަކަށް ވާނެއެވެ.

މި އިންޒާރު އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް "ބޮޑު އަސްކަރީ އޮޕަރޭޝަނެއް" ފައްޓަވައި، އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފެށިކަން ކަށަވަރުކޮށްދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ މި އިންޒާރާ އެކު މުޅި މެދުއިރުމަތީގެ މަސްރަޙު ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

އީރާނުގެ ވައިގެ ސަރަޙައްދު މިހާރު ބަންދުކޮށްފައިވާއިރު، އެ ޤައުމުގެ އަސްކަރިއްޔާ އޮތީ އެންމެ މަތީ ތައްޔާރީ ހާލަތެއްގައެވެ. އަނެއްކޮޅުން އިސްރާއީލުން ވެސް ވަނީ އީރާނުގެ ރައްދު ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން މުޅި ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނުމަށް އަންގާފައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މި ކުރިމަތިލުންތަކުގެ ސަބަބުން ސަރަޙައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވެގެން ހިނގައިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު