މިހާރު މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އިރާގުގެ "ރެސިސްޓެންސް" ބާރުތަކުން ދޭން ފެށި މި ހަމަލާތަކުގެ ތެރެއިން، އިރްބިލްގައި ހުންނަ އެމެރިކާގެ ބޭހަށް ދިން ހަމަލާގެ ޒިންމާ އުފުލާފައިވަނީ "ސަރާޔާ އަވްލިޔާއުއް ދަމް" ނުވަތަ 'ބްލަޑް ގާޑިއަންސް ބްރިގޭޑްސް' އިންނެވެ. މި ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެ ސަރަހައްދުގައި އެމެރިކާއިން ހިންގަމުންދާ ހަރަކާތްތަކާ ދެކޮޅަށް ދޭން ފެށި ހަމަލާތަކެއް ކަމަށެވެ.

އިރްބިލް އެއާޕޯޓް ކައިރީގައި ހުންނަ އެމެރިކާ އިސްވެ އޮންނަ ކޯލިޝަން ސިފައިންގެ މަރުކަޒަށް އަމާޒުކޮށް ދިން މި ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، ބޯ ދުންތައް އަރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާތަކަކީ ސަރަހައްދީ ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އިރާގުގައި ތިބި އެމެރިކާ ސިފައިން ބޭރުކުރުމަށް ބާރު އެޅުމުގެ ގޮތުން ދެވޭ ހަމަލާތަކެއް ކަމަށް ބެލެވެއެވެ. ކުރުދިސްތާން ސަރުކާރުން ވަނީ މި ހަމަލާތައް ކުށްވެރިކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން މުޅި ސަރަހައްދުގެ ސަލާމަތީ މަސްރަހު ވަނީ އިންތިހާއަށް ގޯސްވެފައެވެ. އެމެރިކާގެ ދިފާއީ ނިޒާމުތަކުން ބައެއް ޑްރޯންތަކާއި މިސައިލްތައް ވައްޓާލާފައިވީ ނަމަވެސް، އިރާގުގެ އެކި ހިސާބުތަކުގައި ހުރި އެމެރިކާގެ މަސްލަހަތު އޮތް ތަންތަނަށް ހަމަލާ ދިނުން ކުރިއަށްދާނެ ކަމުގެ އިންޒާރު ހަނގުރާމަވެރި ޖަމާއަތްތަކުން ދަނީ ދެމުންނެވެ. މި ހަމަލާތަކުގެ ސަބަބުން އިރާގުގެ އިގްތިސާދަށާއި، ހާއްސަކޮށް ކުރުދިސްތާން ސަރަހައްދުގެ ކަރަންޓާއި ގޭހުގެ ހިދުމަތްތަކަށް ވެސް ބުރޫއަރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު