ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މެލޭޝިއާގެ އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ރަންޖިނީ ޖީވަނަންތަން ނަމަކަށް ކިޔާ މެލޭޝިއާގެ ރައްޔިތެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެ އައިއިރު އޭނާގެ ލަގެޖު ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ސީދާ ބަރުދަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލައިގައި އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ކޮންމެވެސް މިންވަރަކަށް ހެކި ވަނީ ލިބިފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ކުރިއަށްދިއުމަށް ގާނޫނީ ވަކީލަކު ހޯދުމުގެ ފުރުސަތަށް އޭނާ އެދިފައިވާތީ، ކޯޓުން ވަނީ އެ ފުރުސަތު އޭނާއަށް ދީފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު