މި މަހުގެ ކުރީކޮޅު ވައިގެ މަގުން ރާއްޖެއަށް 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހިމެނޭ ތިން މީހުންގެ ވަނަވަރު މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު އާންމުކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި ތަކެތި އަތުލައިގަނެފައި ވަނީ މި މަހުގެ 3 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، އަތުލައިގަނެވުނު ތަކެތީގެ ބަރުދަނުގައި ޖުމްލަ 6700 ގްރާމް ހުރިއިރު، އެ ތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 5.36 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މައުލޫމާތު ހާމަކުރަމުން ފުލުހުން ބުނީ، މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ / ހިތިލާގެ، އަލީ އިރުފާނު (28އ) އާއި، އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ ދަނޫޝްކާނދަން ގޯޕާލް (19އ) އަދި ކަތިރިވިލް މަނިމަރަން (21އ) ކަމަށެވެ. މި ތިން މީހުންނަކީ ވެސް ކަސްޓަމްސްއިން ހިފަހައްޓައި، އިތުރު ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފައިވާ ބައެއް ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދިވެހި ފިރިހެންމީހާ ކަމަށްވާ އަލީ އިރުފާނު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު