މާލޭގެ ދެކުނުގެ ރަށެއްގައި އަންހެނަކު ގަދަކަމުން ވަލަށް ގެންގޮސް ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު، ހައިކޯޓުން މިނިވަންކުރުމާ ގުޅިގެން އަލުން ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މައްސަލައިގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، ތުހުމަތު ކުރެވޭ ފިރިހެން މީހާ ވަނީ އެ ރަށު އަންހެނަކު ގަދަކަމުން ސައިކަލަށް އަރުވައިގެން ވަލުތެރެއަށް ގެންގޮސް، ޖިންސީ ގޯނާކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ ޖެހިގެން އައި ފެބްރުއަރީ ފަސްވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފެބްރުއަރީ ހަވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، އޭނާ ކުށް ކުރިކަމަށް އެކަށީގެންވާ މިންވަރަށް ހެކި ހުރި ކަމަށް ބަލައި، ދަށު ކޯޓުން ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ. ނަމަވެސް، ކުރިން ކުށުގެ ރެކޯޑެއް ނެތް އެ މީހާގެ ފަރާތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުގައި އޭނާގެ ވަކީލުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ، އޭނާ 15 ދުވަހަށްވުރެ އިތުރަށް ބަންދު ނުކުރެވޭނެ ކަމަށް ބުނެ ނުކުތާއެއް ފާހަގަކޮށްފައެވެ. މި ނުކުތާއަށް ދައުލަތުންވެސް އިއުތިރާފުވުމާ ގުޅިގެން، ހައިކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކޮށް އޭނާ މިނިވަންކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ، ހައިކޯޓުގެ އަމުރަށް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލި ނަމަވެސް، އިތުރު ކޯޓު އަމުރެއްގެ ދަށުން ހަމަ އެ ދުވަހު އޭނާ އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން، މިފަހަރު ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު