މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މުޅި ގައުމުގެ ނިޒާމު ބޮއްސުންލައި، ގައުމު އޮތީ ސަލާމަތް ނުކުރެވޭ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ އިންތިހާބު އެއްކޮށް ބާއްވަން މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް، ހަގީގަތުގައި ކަން ހިނގަނީ އެއާ މުޅިން ހިލާފަށް ކަމަށެވެ. އެގޮތުން ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ބޮޑު މުސާރަ ނަގައިގެން ތިބި މީހުން އިންތިހާއަށް އިތުރުވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ނިޒާރު ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގައި ހިނގަމުންދާ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "އެމްއޭސީއެލްގައި އެބަ ތިބި ވަޒީފާއަށް ނުނިކުމެ މުސާރަދޭ 58 މީހުން. 40،000 އަށްވުރެ ގިނަ މުސާރަ ކޮންމެ މަހަކު އެމީހުންނަށް ލިބޭ. އެއިން އެކަކުވެސް ވަޒީފާއަކަށް ނުނިކުމޭ، އޮފީހަކަށް ނުދޭ،" ނިޒާރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި މައުލޫމާތަކީ ހަގީގަތެއް ކަމަށާއި، ގާތް ރައްޓެއްސަކުވެސް އޭނާގެ ވަޒީފާއާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. "ގާތް ރައްޓެސަކު ބުނި މިދިޔަ މަހުވެސް 1200 ޔޫއެސް ޑޮލަރާއި 17،000 ދިވެހި ރުފިޔާ އެކައުންޓަށް ޖަމާވިކަން،" އެއްވެސް މަސައްކަތެއް ނުކޮށް މުސާރަ ލިބޭ މީހުންގެ މިސާލު ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގައި ތިބި ބައެއް މުވައްޒަފުންގެ އަމަލުތައް ހުރި ގޮތްވެސް ނިޒާރު ފާހަގަކުރެއްވިއެވެ. ހިތަދޫ ޕޯޓުގައި މަސައްކަތް ކުރަން ޖެހޭ 15 މީހަކު ހުޅުދޫ މީދޫގައި އެބަތިބި ކަމަށާއި، އެމީހުންނަކީ އޮފީހަށް ހާޒިރުވެ ސޮއިކުރާ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. "ވައިބާ ގުރޫޕުގައި އޮތްތަނެއްގައި އޮވެ 'އައި އެމް އޯކޭ' ޖަހާލަނީ. އެއީ އެޓެންޑު ވީ،" ނިޒާރު ވިދާޅުވިއެވެ.

ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ނިޒާރު ވިދާޅުވީ މިހާރު މުޅި ގައުމު މިއޮތީ ބޮއްސުން ލައިގެން 'ފަޅައިގެން' ގޮސްފައި ކަމަށެވެ. އަދި މި ގައުމަށް ދެން ސަލާމަތް ނުވެވޭނެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންގެ ކުރިމަތީގައި ދައްކާ "ތޯތޯ" ވާހަކަތަކެއް ނޫން ކަމަށާއި، މިއީ ހަގީގަތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ނިޒާރު މިހެން ވިދާޅުވެފައި ވާއިރު، ސަރުކާރުގެ އިސްރާފު ބޮޑުވެ، ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރާ މިންވަރު އިތުރުވުމަކީ ގައުމުގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު