ޤާނޫނުއަސާސީގެ ދިފާއުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ބަސްބުނެ، ރައްޔިތުން ނިކުންނަންވީ ވަގުތު ޖެހިފައިވާ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އޭނާ ވިދާޅުވީ، ޤައުމުގެ އިސް މަޤާމުތަކުގައި ކުރިން ތިއްބެވި ބޭބޭފުޅުން މިކަމާ ދެކޮޅަށް ބަސްބުނަން ފެށުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތުތައް ބަލިވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

ހަމައެއާއެކު މަލީހް ވިދާޅުވެފައިވަނީ، ދެ އިންތިޚާބު އެއްކޮށްލުމަށް ކުރާ މަސައްކަތަކީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފު ކަމެއް ކަމަށެވެ. އަދި މިކަމާ ދެކޮޅަށް އިލްމީ އަދި ސިޔާސީ ބޭފުޅުން ފާޅުގައި ވާހަކަ ދައްކަވަން ފެށުމަކީ ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މަލީޙް މިހެން ވިދާޅުވެފައިވާއިރު، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ރާއްޖޭގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ޤާނޫނީ އޮނިގަނޑަށް އަތްބާނައިގެން ބާރުތައް މުށުތެރެއަށްލުމަށް ސަރުކާރުން ކުރާ މަސައްކަތެކެވެ. އަދި މިއީ ޑިމޮކްރެޓިކް ނިޒާމަށް އޮތް ހުރަހެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ޝުޢޫރު ފާޅުކުރަމުންނެވެ.

ނަމަވެސް ސަރުކާރުގެ އިސްވެރިން ގެންދަވަނީ މި އިޞްލާޙުތަކަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ކަމަށް ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު