މިދިޔަ މަހުގެ 20 ވަނަ ދުވަހު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅާފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިހާރުވެސް ބަންދުގައި ހުރި އުމުރުން 36 އަހަރުގެ ހަނީފް ނަމަކަށް ކިޔާ ބިދޭސީއެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ކިލޯއަށްވުރެ ގިނަ ތަކެއްޗާއެކުގައެވެ.

ހަނީފާއެކު މި މައްސަލައިގައި ދިވެއްސަކުވެސް ހައްޔަރުކޮށްފައިވެއެވެ. އެއީ ގއ. މާމެންދުއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އަޒުހަދު ނަސީމެވެ. ފުލުހުން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި، ހަނީފަކީ އަޒުހަދުގެ ދަށުން މަސައްކަތްކުރާ މުވައްޒަފެކެވެ.

މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހަނީފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ، އޭނާގެ ފަރާތުން މިހާރު ވަނީ އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ފުލުހުންގެ އިދާރާއިން ނުވަތަ ހިއުމަން ރައިޓްސް ކޮމިޝަނުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު