ގައުމުގައި ހައްލުކުރަންޖެހޭ އަސާސީ ބޮޑެތި މައްސަލަތަކެއް ހުއްޓައި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން އިސްކަންދޭ ސަބަބު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

"ނޯ ޓު ރިފަރެންޑަމް" ގެ ނަމުގައި ހިންގާ ސޯޝަލް މީޑިއާ އެކައުންޓަކުން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ސުއޫދު ވަނީ، ދެ އިންތިޚާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ބަދަލުގަނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާމެދު ސުވާލު އުފައްދަވާފައެވެ. ސުއޫދު ވިދާޅުވީ، ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެނައުމަށް ރިފަރެންޑަމެއް ނަގާއިރު، އެކަން ކުރަނީ ހެޔޮ ނިޔަތެއްގައިތޯ އާއި އެ ބަދަލުގެ ސަބަބުން ނުކުމެދާނެ ނަތީޖާގެ ދެކޮޅު ވަޒަންކޮށްފައިވޭތޯ ސަރުކާރުން ބަލަންޖެހޭނެ ކަމަށެވެ.

ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މާ މުހިންމު ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވަމުން ސުއޫދު ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުމާއި، މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން ސަލާމަތްކުރުމަކީ މިއަދު ގައުމަށް އެންމެ ބޭނުންތެރި ކަންކަން ކަމަށެވެ. މީގެ އިތުރުން ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމާއި، ކޮންމެ ފަސް އަހަރަކުން މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމަކީ ރައްޔިތުން އިންތިހާއަށް ބޭނުންވާ އިސްލާހުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސުއޫދު އިތުރަށް ވިދާޅުވީ، ގައުމީ ފެންވަރުގެ މިފަދަ ބޮޑެތި މައްސަލަތަކެއް ހައްލުނުވެ ހުއްޓައި، ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރިއަށް ދެ އިންތިޚާބު އެއްކޮށްލުން ގެނައި ސަބަބާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މިކަމުގެ ފަހަތުގައިވާ ހަގީގީ މަގުސަދަކީ ކޮބައިކަން އެކަން ކުރައްވާ ބޭފުޅުން ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް އޭނާ ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު