އީރާނުން ދެމުންދާ އިންޒާރުތައް އިތުރަށް ހަރުކަށިކޮށް، އިސްރާއީލުގެ އިތުރުން ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ހުރި ބައިނަލްއަގުވާމީ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އޮފީސްތަކަކީ އަމާޒުތަކެއް ކަމަށް ކަނޑައަޅައި، އެ ތަންތަނުގެ ލިސްޓެއް އާންމުކޮށްފިއެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން އާންމުކުރި މި ލިސްޓު ގައި އިސްރާއީލުގެ އިތުރުން ދުބާއީ އާއި އަބޫދާބީގައި ހުރި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޓެކް ކުންފުނިތަކުގެ އޮފީސްތައް ހިމެނެއެވެ. މީގެ ތެރޭގައި ގޫގުލް، އެމެޒޯން، މައިކްރޮސޮފްޓް، އެންވީޑިއާ، އައިބީއެމް، އޮރެކަލް އަދި ޕަލަންޓިރު ފަދަ ކުންފުނިތައް ހިމެނެއެވެ.

މި ނިންމުމާއެކު، މެދުއިރުމަތީގައި ހުރި ބައިނަލްއަގުވާމީ ޓެކްނޮލޮޖީގެ އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްތަކަށް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތިވެފައެވެ. އީރާނުން ބުނަމުންދަނީ މި ކުންފުނިތަކަކީ އިސްރާއީލުގެ އަސްކަރީ އަދި ޖާސޫސީ މަސައްކަތްތަކަށް އެހީތެރިވެދޭ ތަންތަން ކަމަށެވެ.

މި އިންޒާރުތަކާ ގުޅިގެން ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވެ، ބޮޑެތި ކުންފުނިތަކުންނާއި އިންވެސްޓަރުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ. ޚާއްޞަކޮށް ޔޫއޭއީ ފަދަ ވިޔަފާރީގެ މަރުކަޒުތަކުގައި ހުރި މިފަދަ އޮފީސްތަކަށް އަމާޒުކޮށް ހަމަލާއެއް ދީފިނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށް ކުރާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

އޭގެއިތުރުން އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ބޭންކަކަށް ރޭގަނޑުގެ ވަގުތެއްގައި ދިން ހަމަލާއަކާ ގުޅިގެން، މެދުއިރުމަތީގައި ހުރި އެމެރިކާ އާއި އިޒްރޭލާ ގުޅުންހުރި އިގްތިސާދީ އަދި ބޭންކިން މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އީރާނުން މިއަދު ވަނީ ދީފައެވެ.

މިކަމާ ގުޅޭގޮތުން އިސްރާއީލުންނާއި ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސަރަހައްދީ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި ފިޔަވަޅުތައް އަޅަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު