ޝަމްވީލް ޤާސިމް (ބޮންޑާ)
ޝަމްވީލް ޤާސިމް (ބޮންޑާ)
އައްޑޫސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރު ކުރި ގައުމީ ޓިމްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފި އެވެ.

ބޮންޑާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އައްޑޫގައި ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

ބޮންޑާގެ ބަންދަށް ޖެހި ފަސް ދުވަސް މިއަދަށް ހަމަވެފައިވާއިރު، އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމަކާ ނުލައެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި އިތުރު 7 މީހަކުވެސް ވަނީ ދޫކޮށްލާފައެވެ.

ބޮންޑާ ހައްޔަރު ކުރީ، ކަނޑުމަތިން މަސްތުވާތަކެތި އަތުލައިގަތް ފަހުން، ހުޅުދޫ ކޯޓު އަމުރެއްގެ ދަށުން އެ ދުވަހު ހަވީރުއެވެ. އެކަމަކު އޭނާ ހައްޔަރު ކުރީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ.



މިމައްސަލައިގައި ބޮންޑާގެ ވަކީލް ޝަމީލް މީގެ ކުރިން ވިދާޅުވެފައިވަނީ ބޮންޑާއާ މަސްތުވާތަކެއްޗާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި، ހައްޔަރުކުރި އިރުވެސް ބޮންޑާގެ އަތުން ނުވަތަ ގުޅުންހުރި އެއްވެސް ތަނަކުންވެސް މަސްތުވާތަކެތީގެ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ އެއްވެސް އިރެއްގައި ޝަމްވީލްއާ އެއްވެސް ގުޅުމެއް ނޯންނާނެކަމުގެ ޔަޤީންކަން ޝަމްވީލުގެ ފަރާތުން ވަކީލް ވަނީ އަރުވާފައެވެ.

މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރީ މި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ސ. ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާހިމް، (އަބުޗާ) 33، އާއި ސ. ހިތަދޫ ކޯޅި މުހައްމަދު ޔާމިން ނަސީރު، 23، އެވެ. ޖުމްލަ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އެ އޮޕަރޭޝަނުގައި ޖުމްލަ 14 މީހަކު ފުލުހުން ހައްޔަރު ކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން