ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ފަރާތްތަކަށް ރާއްޖޭގައި ސަރުކާރުގެ އިސް މަގާމުތައް ދެމުންދާ ދިއުމަށް، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނަސީމް (ނަފާ ނަސީމް) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިފަދައިން ފާޑުވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސަޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ކޮރަޕްޝަނާ މެދު އަމަލުކުރާ ގޮތާއި ރާއްޖޭގެ ހާލަތާ އަޅާކިޔުއްވައި، ރާއްޖޭގެ ނިޒާމަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެފައެވެ.

ނަސީމް ވިދާޅުވީ، ބޮޑެތި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންނާމެދު އެހެން ގައުމުތަކުގައި ހަރުކަށި ފިޔަވަޅު އަޅާ ކަމަށެވެ. އެގޮތުން ޖަޕާނު ފަދަ ގައުމުތަކުގައި އެފަދަ މީހުން އަމިއްލައަށް މަރުވާ (ދަންޖެހޭ) ކަމަށާއި، ޗައިނާގައި އެފަދަ ފަރާތްތަކަށް މަރުގެ އަދަބުދޭ (ދަންޖައްސާ) ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޔޫރަޕްގެ ގައުމުތަކުގައި އެފަދަ ކުށްތައް ކުރާ މީހުން އުމުރަށް ޖަލަށްލާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރާއްޖޭގެ ހާލަތު އޮތީ މީގެ މުޅިން އިދިކޮޅަށް ކަމަށް ސިފަކުރައްވަމުން ނަސީމް ވިދާޅުވީ، ރާއްޖޭގައި ބޮޑެތި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން ފެންނަނީ "ވެރިކަންކުރާ ޕާޓީއަށް ވަދެ އިންތިޚާބުގައި ވާދަކުރާ ތަން ނުވަތަ ސަރުކާރުގެ އިސްމަގާމެއް އަދާކުރާ ތަން" ކަމަށެވެ.

ނަފާ ނަސީމްގެ މި ފާޑުކިޔުން އަމާޒުވެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކޮރަޕްޝަންގެ ތުހުމަތު އޮންނަ ފަރާތްތަކަށް ސިޔާސީ ހިމާޔަތް ލިބި، ދައުލަތުގެ މަތީ މަގާމުތަކަށް އައުމަށް މަގުފަހިވެފައި އޮންނަ އޮތުމާ ގުޅޭގޮތުންނެވެ. މިއީ ދައުލަތުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އާންމުންގެ ގިނަ ބަޔަކުވެސް ސިފަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު