ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މައި ދެއިންތިޚާބު އެއްކޮށްލުމުގެ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށްޓަކައި މަރުފަލި ޖަހަމުންދާ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއެކު ނެގުމަށް ހަމަޖެހިފައިވާ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް ސަރުކާރުން ހުރިހާ ބާރެއް ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން، ބާވެފައި ހުރި ހަތިޔާރުތައް ނެރެ، ސަރުކާރަށް ބައިއަތު ހިފައިގެން ތިއްބެވި ވިޔަފާރިވެރިން މެދުވެރިކޮށް ވޯޓު ކާމިޔާބު ކުރުމުގެ ވާހަކަތައް ދައްކަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެހެންކަމުން ވިޔަފާރިވެރިންގެ ރާގު ސަރުކާރުން އެދޭގޮތަށް އިއްވަން ފެށުމުގެ ފަހަތުގައި ކަންތައްތަކެއް ވާނެ ކަމަށް ތުހުމަތު ކުރަށްވަމުން ރާއީ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލަ ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ރިފަރަންޑަމް ވޯޓާ ގުޅޭ ކަންކަން ސަރުކާރުން ކުރިއަށް ގެންދަން މަސައްކަތް ކުރީ ވަރަށް ސިއްރުންކަން ފާހަގަކުރައްވަމުން ރާއީ ވިދާޅުވީ، އެކަން ފެއިލްވެގެން ދިޔައީ އެމްޑީޕީން ކުރި މަސައްކަތުން ކަމަށެވެ. އަދި މިހާރު "ނޫނެކޭ" ކެމްޕޭން މުޅި ރާއްޖެއަށް ފުޅާވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރަމާޟާން މަސް ނިމުމާއެކު އިންތިޚާބަށް ލިބޭ މަދު ދުވަސްކޮޅުގެ ތެރޭގައި ކެމްޕޭން އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށް ކަންކަން ސާފުކޮށްދޭނެ ކަމަށް ރާއީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މިހާރު ވަރަށް ހޭލުންތެރި ބައެއް ކަމަށާއި، މި ސަރުކާރަށް މި ރިފަރަންޑަމް ވޯޓު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު