ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ސަރުކާރުގެ މަގު ހެދުމުގެ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބޮޑު އަދަދަކުން މުވައްޒަފުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެ ކުންފުނިން ރާއްޖޭގެ ހަ ރަށެއްގައި ކުރިއަށްދާ މަޝްރޫޢުތަކަށް ބޭނުންވާ ކަމަށް ބުނެ ޖުމްލަ 150 ވަޒީފާއަކަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

އިންތިޚާބާ ދިމާކޮށް އާރުޑީސީން މުވައްޒަފުން ހޯދަން އިޢުލާންކޮށްފައިމިވަނީ ހއ. އުލިގަން، އއ. ރަސްދޫ، ޅ. ނައިފަރު، ކ. ކާށިދޫ، ޅ. ހިންނަވަރު އަދި ތ. މަޑިފުށި ހިމެނޭހެން ޖުމްލަ ހަ ރަށަކަށެވެ. އެ ކުންފުނިން ވަކިވަކިން ކޮށްފައިވާ އިޢުލާންތަކަށް ބަލާއިރު، އެންމެ ގިނަ މުވައްޒަފުން ބޭނުންވަނީ އުލިގަމާއި ރަސްދުއަށެވެ. އެއިން ކޮންމެ ރަށަކަށް 50 މުވައްޒަފުން ހޯދުމަށް އިޢުލާންކޮށްފައިވާއިރު، ކާށިދޫއަށް 24 މުވައްޒަފުން، މަޑިފުށިން 13 މުވައްޒަފުން، އަދި ނައިފަރުން 12 މުވައްޒަފުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހިންނަވަރުން ހުޅުވާލާފައިވަނީ އެއް ފުރުސަތަށެވެ.

ބޮޑެތި އިންތިޚާބުތަކާ ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިގޮތަށް ގިނަ އަދަދަކަށް ވަޒީފާ "ބެހުމަކީ" ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ސަރުކާރުތަކުން ވަރަށް އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މިފަދަ ކަންކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރުން ކަމަށް ބަޔާންކޮށް، މިނިވަން މުއައްސަސާތަކުން މީގެ ކުރިން ނެރެފައިވާ ރިޕޯޓުތަކުގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިގޮތަށް އިންތިޚާބުތަކާ ދިމާކޮށް ވަޒީފާ ދިނުން އެންމެ އާންމު ކުންފުނިތަކުގެ ތެރޭގައި ބޮޑެތި ގެއްލުމުގައި ހިންގާ ފެނަކަ ކޯޕަރޭޝަނާއި، އެމްއޭސީއެލްގެ އިތުރުން ސްޓެލްކޯ އަދި އާރުޑީސީ ފަދަ ކުންފުނިތައް ހިމެނެއެވެ.

އިންތިހާބު މިހާ ކައިރިވެފައިވަނިކޮށް މިގޮތަށް ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލުމުން އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ތެރެއިންވެސް ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު