ހއ. ހޯރަފުށީގައި ބުޅަލަކަށް ރަހުމުކުޑަ ގޮތަކަށް އަނިޔާކޮށް، ދަންޖައްސާ މަރާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް މަރާލާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 12 ވީ އަންގާރަ ދުވަހުގެ ރޭ 19:06 ހާއިރު ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ތުހުމަތުކުރެވޭ ތިން މީހަކާ ސުވާލުކޮށް، ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ، އެ ބުޅާ ދަންޖެއްސުމަށްފަހު މަރުވުމުން ބިންމަތީގައި ދަމާފައި ގެންދާ މަންޒަރެވެ. އަދި ބުޅަލަށް އަނިޔާކުރުމަށްފަހު އޭތި އެއްލާލާފައިވަނީ މޫދަށެވެ. މި ވީޑިއޯތައް އިންސްޓަގްރާމްގައި ހިއްސާކުރި ފަރާތުން ބުނި ގޮތުގައި، މަރާލާފައިވަނީ މާބަނޑު ބުޅަލެކެވެ. މި އަމަލު ހިންގުމުގައި ބައިވެރިވި ކަމަށް ބުނާ ތިން މީހެއްގެ ފޮޓޯވެސް މިހާރު ވަނީ އާންމުވެފައެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ މީސް މީޑިއާގައި ނުރުހުން ފާޅުކޮށް، އެކަން ކުރި ބަޔަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ. އިސްލާމީ ރިވެތި އަދަބުތަކާއި އިންސާނިއްޔަތުކަމާ ހިލާފު މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބުޅަލާއި އެނޫންވެސް ދިރޭތަކެއްޗަށް އަނިޔާކޮށް، އެ މަންޒަރުތައް ވީޑިއޯކޮށް އާންމުކުރާ މައްސަލަތައް ވަނީ އިތުރުވެފައެވެ. މީގެ ކުރިންވެސް ބުޅަލަށް އަނިޔާކުރި އެތައް މައްސަލައެއް ފެންމަތިވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު