ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. ނާޒްލީމަންޒިލް، މާލެ، ޙަސަން ނުޢާޒު (28އ) އާއި ވ. ސެޓެލައިޓް، މާލެ، އަޙްމަދު ނަޢީމް (39އ) އެވެ. މި ދެ މީހުންނަކީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

މިދިޔަ މަހުގެ ތެރޭގައި ހައްޔަރުކުރި މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް 30 ދުވަސް އިތުރުކޮށްފައެވެ. މި މީހުން ހައްޔަރުކޮށް އެންމެ ފުރަތަމަ ބަންދަށް ޖަހާފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި، މި ދެ މީހުން ވަނީ ކުޑަކުއްޖަކު އެކްސްޕްލޮއިޓްކޮށް، އެ ކުއްޖާ ލައްވައި މަސްތުވާތަކެތި އުފުލުމާއި ވިއްކުމުގެ މަސައްކަތް ކުރުވާފައެވެ. މި މައްސަލައަކީ ކުޑަކުދިން ކުށްކުރުވުމަށް ބޭނުންކުރާ މައްސަލަތަކާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވުނު މައްސަލައެކެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންދާއިރު، ކުޑަކުދިން ކުށުގެވެށިން ސަލާމަތްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު