ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ހދ. ހިރިމަރަދޫ ރައްޔިތުންނަށް، ހަނިމާދޫ ބިމުން ގޯތި ދިނުމާ ދެކޮޅަށް އެރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ މުޒާހަރާކޮށްފިއެވެ.

އިއްޔެ ހަވީރު ހަނިމާދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދިޔަ މި ސައިކަލް ބުރުގައި ބައިވެރިވި ޒުވާނުން ވަނީ، ހަނިމާދޫ ރައްޔިތުން ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގައި އެރަށު ރައްޔިތުންނަށް ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ހިރިމަރަދޫ މީހުންނަށް ގޯތި ދިނުމާ ދެކޮޅަށް އަޑުއުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުންދިޔައީ، އެހެން ރަށެއްގެ ބަޔަކަށް ގޯތި ދޭންވާނީ ހަނިމާދޫގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ރައްޔިތުންނަށް އެ ފުރުސަތު ފުރިހަމައަށް ފަހިކޮށްދިނުމަށްފަހު ކަމަށެވެ.

މި މުޒާހަރާގައި ވާހަކަދެއްކި ބައެއް ޒުވާނުން ބުނެފައިވަނީ، ހަނިމާދޫގައި ޓަވަރުތައް ބިނާކޮށް، އެހެން ރަށްރަށުގެ މީހުން އައިސް އެރަށް ސިޓީއަކަށް ބަދަލުވުމަކަށް އެމީހުން ދެކޮޅު ނޫން ކަމަށެވެ. ނަމަވެސް، މިހާރު ހަނިމާދޫގައި ތިބި ބޯހިޔާވަހިކަން ނެތް އާއިލާތަކުގެ ހައްގުތައް ކަށަވަރުނުކޮށް، ރަށުގެ ބިން އެހެން ބަޔަކަށް ބަހާލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އެފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ.

ސައިކަލް ބުރު ކުރިއަށްދިޔަ ވަގުތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަނިމާދޫ ޒުވާނުންގެ ހައްގުތައް ނިކަމެތި ނުކުރުމަށް އެދި ހުށަހަޅާ ޕެޓިޝަނެއްގައި ސޮއިކުރުންވެސް ކުރިއަށްދިޔައެވެ. މި ހަރަކާތް އިންތިޒާމުކުރި ފަރާތުން މައުލޫމާތު ދޭ ގޮތުގައި، މިހާތަނަށް މި ޕެޓިޝަނުގައި 150 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަޝްރޫއަކީ ރައީސް ޑރ. މުއިއްޒު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އިއުލާނުކުރެއްވި ކަމެކެވެ. އެ ދަތުރުފުޅުގައި ރައީސް ވިދާޅުވެފައިވަނީ، ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ ކަމަށާއި، އެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެރަށަށް ބަދަލުވުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށްވެސް ރައީސް އޭރު ވިދާޅުވިއެވެ.

ހދ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށް ކަމަށްވާ ހިރިމަރަދޫގައި ދިރިއުޅެނީ 293 މީހުންނެވެ. އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމާއެކު، ހިރިމަރަދޫން އަލަށް ގޯތި ދޫކުރުންވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ.

މި މުޒާހަރާއާ ގުޅިގެން ހަނިމާދޫ ކައުންސިލުން ރަސްމީ ބަހެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު