އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމުގައި އެހީތެރިވުމަށް އެދިވަޑައިގެންފައި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމުގައި އެހީތެރިވުމަށް އެދިވަޑައިގެންފައި
ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމުގައި އެހީތެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތުމާ ގުޅިގެން، ޖަރުމަނުވިލާތުން އެކަމަށް އިންކާރުކޮށް، އެއީ ނޭޓޯގެ ހަނގުރާމައެއް ނޫން ކަމަށް ބުނެފިއެވެ.

ހޮރްމޫޒް ކަނޑުއޮޅިން މުދާ އުފުލާ އުޅަނދުފަހަރަށް ހުރަހެއްނެތި ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް އެމެރިކާއިން އެދުނު އެދުމަށް ރައްދުދެމުން ޖަރުމަނު ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، މި ހަނގުރާމައާ ނޭޓޯއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މިއީ އެ ޖަމާއަތުގެ ހަނގުރާމައެއް ނޫން ކަމަށެވެ.

ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާޒްގެ ތަރުޖަމާނު މިހެން ވިދާޅުވީ، ނޭޓޯގެ މުސްތަޤްބަލް އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް ވިދާޅުވެ، ޓްރަމްޕް ނޭޓޯއަށް އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅީގައި ހިންގާ އެއްވެސް ހަރަކާތެއްގައި ޖަރުމަނުން ބައިވެރިނުވާނެކަން އެ ޤައުމުގެ ސަރުކާރުން ވަނީ އަނެއްކާވެސް ކަށަވަރުކޮށްދީފައެވެ. ސަރުކާރުގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ، މި ހަނގުރާމައިގެ ކުރިންވެސް އަދި މިހާރުވެސް އެފަދަ ކަމެއްގައި ބައިވެރިވުމަކީ ޖަރުމަނުން ވިސްނާފައިވާ ކަމެއް ނޫން ކަމަށެވެ.

މިއަދު ހެނދުނު ބްރަސަލްސްއަށް ވަޑައިގެން، ޖަރުމަނުގެ ޚާރިޖީ ވަޒީރު ޔޯހާން ވަޑެފުލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގައި ނޭޓޯގެ މެންބަރު ޤައުމުތަކުން އަދާކުރަންޖެހޭ އެއްވެސް ދައުރެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓޭނެ ފަދަ ނިޝާނެއް ނުފެންނާތީ، ޗާންސެލަރ މާޒް މިހާރު ގެންގުޅުއްވާ ސިޔާސަތު ވަނީ ކުރިއަށްވުރެ ހަރުކަށި ކުރައްވާފައެވެ. މިދިޔަ ހަފުތާގައި އޭނާ ވަނީ ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާއިން ލުއިދިނުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. އަދި ހަނގުރާމަ ނިންމުމަށް އެމެރިކާއިން ގެންގުޅޭ ރޭވުންތަކަކީ ކޮބައިކަން ސާފުނުވާ ކަމަށްވެސް އޭނާ ވަނީ ފާޅުގައި ވިދާޅުވެފައެވެ.

ކޯނޭލިއަސް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހަނގުރާމަ ފެށުމުގެ ކުރިންވެސް އެމެރިކާއާއި އިސްރާއީލުން ވަނީ ވިލާތުގެ އެހީތެރިކަމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށާއި އެފަދަ އެހީއަކަށް އެދިވަޑައިނުގަންނަވާ ކަމަށް ބުނެފައެވެ.

ޖަރުމަނުގެ ޗާންސެލަރ މިއަދުގެ ވަގުތެއްގައި ބާލިންގައި ނެދަލޭންޑްސްގެ ބޮޑުވަޒީރު ރޮބް ޖެޓެންއާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުމުގައި ޓްރަމްޕްގެ އެދުންތަކާ މެދު ދެ ބޭފުޅުންނަށްވެސް ނޫސްވެރިންގެ ސުވާލުތައް އަމާޒުވާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު