މީހެއްގެ މީސްމީޑިއާ އެޕްލިކޭޝަންތައް ހެކްކޮށް، އޭނާގެ ބޭންކު އެކައުންޓުން ދެލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ތ. މަޑިފުށީގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ބުނީ، މި ވައްކަމަކީ ގިނަ ބަޔަކު ބައިވެރިވެގެން ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކު ހިންގާފައިވާ އަމަލެއް ކަމަށެވެ. މިގޮތުން މީސްމީޑިއާ އެޕްލިކޭޝަންތައް ކޮމްޕްރޮމައިޒް ކޮށްގެން (ހެކްކޮށްގެން) ޖުމްލަ 200,000 (ދެލައްކަ) އަށްވުރެ ގިނަ ރުފިޔާ ވަނީ އެކި މުއާމަލާތްތަކުގެ ތެރެއިން ވަގަށް ނަގާފައެވެ.

މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުގައި، ވަގަށް ނެގި ފައިސާގެ ތެރެއިން 25,000 (ފަންސަވީސް ހާސް) ރުފިޔާ ޖަމާވެފައިވަނީ ހައްޔަރުކުރި މީހާގެ އެކައުންޓަށެވެ. އަދި އެ ފައިސާ އޭނާ އޭޓީއެމް މެދުވެރިކޮށް ނަގާފައިވާކަން އިންވެސްޓިގޭޝަން އޮފިސަރު ވަނީ ކޯޓުގައި ފާހަގަކޮށްފައެވެ.

ހަމައެއާއެކު ކޯޓުގައި ފުލުހުން ބުނެފައިވަނީ، އޭޓީއެމް އިން އެ ފައިސާ ނެގުމަށްފަހު އޭނާ އެ ފައިސާ އެހެން މީހަކާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގަށް އެ މީހާ ފުލުހުންނަށް އެއްބާރުލުން ދެމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައަކީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ޖަރީމާއަކަށް ވާތީ، މިކަމުގައި އިތުރަށް ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. ފަހަކަށް އައިސް މީސްމީޑިއާ އެކައުންޓްތައް ހެކްކޮށްގެން މާލީ މަންފާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ، އާންމުން އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު