މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި މީހަކު ހާޒިރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އިއުލާނުކޮށްފިއެވެ.

ޕޮލިސް މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން، ތަހުގީގަށް ހާޒިރުވުމުގެ ޗިޓު އޭނާއަށް ރައްދުކުރެވޭ ގޮތް ވަނީ ނުވެފައެވެ.

އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ވ. ރަކީދޫ، ނަރުގިސްވިލާ، އިޤްބާލް (40އ) އެވެ.

ފުލުހުން ބުނީ އިޤްބާލް ހާޒިރުކުރެވެނީ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ. އެގޮތުން، އޭނާ ހާޒިރުވާން ޖެހެނީ 2026 މާރިޗު 24 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށެވެ.

މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދޭއިރު، އިޤްބާލާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް އެންގުމަށް ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު