ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި، އެ ރަށު ކައުންސިލްގެ ހުއްދަ ނެތި ބިން ދޫކުރަން އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވުމަށް ހަނިމާދޫ ކައުންސިލުން ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ ހަނިމާދޫން ބިން ދޫކުރުމާ ގުޅޭގޮތުން ކައުންސިލްގެ ހުރި ކަންބޮޑުވުންތަކެއް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައި ކަމަށެވެ. ނަމަވެސް، މި މައްސަލަ ބެލުމަށްފަހު ފުލުހުން ބުނީ މިއީ ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުންހުރި ކަމެއްކަން އެނގިފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައި ނުވާތީ، މައްސަލައަށް މަދަނީ ހައްލެއް ހޯދުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ހަނިމާދޫ ކައުންސިލްގެ މެންބަރު ފިރާގް މުހައްމަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމަށް ބިން ދޫކުރުމުގެ މަސައްކަތް ކުރަނީ ކައުންސިލްގެ ހުއްދަ ނެތި ކަމަށެވެ. އަދި ރައްޔިތުންގެ ރުއްގަހާއި ބަންޑާރަ ރުއްގަހުގެ ބަދަލު ނުދީ، ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށް މި މަސައްކަތް ކުރާތީ އެކަން ހުއްޓާލަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަން ކުރަމުން ދަނީ ލޭންޑް ޔޫސް ޕްލޭނާވެސް ހިލާފަށް. އަދި ރައްޔިތުންގެ ނިންމުމާވެސް ހިލާފަށް،" ފިރާގް ވިދާޅުވިއެވެ.

މި މައްސަލައިގައި މިދިޔަ ހަފުތާގައި ހަނިމާދޫގެ ބައެއް ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އެ މީހުންގެ އެދުމަކީ ހަނިމާދޫ ރައްޔިތުންނަށް ވައުދުވެފައިވާ 600 ގޯތީގެ ކަންތައް ހަމަޖެއްސުމަށްފަހު ނޫނީ އެހެން ބަޔަކަށް ގޯތި ނުދިނުމެވެ. ހިރިމަރަދޫ ރައްޔިތުންނަށް ދިނުމަށް ނިންމާފައިވަނީ 200 ގޯއްޗެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮގަސްޓް މަހު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން 18 މަސްދުވަހުގެ ތެރޭގައި ހަނިމާދޫގައި ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ވަނީ ހަވާލުކުރައްވާފައެވެ.

ރައީސް ވިދާޅުވެފައިވަނީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށާއި، ނަމަވެސް ބަދަލުވުމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރައްވާނެ ކަމަށެވެ. ހދ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށް ކަމަށްވާ ހިރިމަރަދޫގައި ދިރިއުޅެނީ 293 މީހުންނެވެ. އެ ރަށުގެ މީހުން ބަދަލުކުރަން ނިންމުމާ ގުޅިގެން، މިހާރު ހިރިމަރަދޫން ގޯތި ދޫކުރުން ވަނީ ހުއްޓާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު