ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނަންޖެހޭ ކަމަށް ކުރީގެ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް މިހެން ވިދާޅުވީ މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވީ ހުރިހާ ބާރުތަކެއް އެއްކުރެއްވުމަށް "ފެންބޮވައިގެންފައި" ކަމަށެވެ. އަދި އެކަން އެގޮތަށް ވިޔަ ނުދިނުމުގެ ފުރިހަމަ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށްވެސް މަލީޙް ފާހަގަކުރެއްވިއެވެ.

އޭޕްރީލް 4 ގައި ނަގާ ރެފަރެންޑަމްގައި ދެ އިންތިޚާބު އެއްކުރަން ނޫނެކޭ ބުނަންޖެހޭ އެންމެ ބޮޑު ސަބަބަކީ، އަނެއްކާވެސް ރާއްޖޭގައި ޚުދުމުހުތާރު ވެރިކަމަކަށް ޖާގަ ނުދިނުން ކަމަށް މަލީޙް ވިދާޅުވިއެވެ. އޭނާގެ ނަޒަރުގައި ދެ އިންތިޚާބު އެއްކޮށްލުމަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އޮންނަ "ޗެކް އެންޑް ބެލެންސް" ނުވަތަ އެކަކު އަނެކަކަށް ފާރަވެރިވުމުގެ ނިޒާމު ގެއްލިގެންދާނެ ކަމެކެވެ.



މި ރެފަރެންޑަމް ނަގަން ސަރުކާރުން ނިންމާފައިވަނީ އިންތިޚާބުތަކަށް ހިނގާ ޚަރަދު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ބުނެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދައި، ހުރިހާ ބާރުތަކެއް މުށުތެރެއަށްލުމަށް ކުރާ މަސައްކަތެކެވެ.

މި ރެފަރެންޑަމަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެނެވޭނެ ބޮޑު ބަދަލަކަށް ވާތީ، އިދިކޮޅު ސިޔާސީ ބޭފުޅުން ގެންދަވަނީ ރައްޔިތުން މިކަމަށް ހޭލުންތެރިވުމަށް ގޮވާލައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު