ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި (ފޮޓޯ: ޕޮލިސް މީޑިއާ)
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި (ފޮޓޯ: ޕޮލިސް މީޑިއާ)
އދ. ފެންފުށީ ގެއެއް ބަލައި ފާސްކޮށް، ބައިކިލޯ އަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިމައްސަލައާ ގުޅިގެން ހައްޔަރުކުރީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ ހައްޔަރުކުރީ، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމަށް ޝައްކުކުރެވޭ ކްރިސްޓަލް މެތު ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސާއި ފެންފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިމަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، އޭނާ އުޅޭ ކޮޓަރި ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކްރިސްޓަލް މެތުކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ކޮތަޅާއި، ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ، 536.2 ގްރާމެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރި 39 އަހަރުގެ މީހާއަކީ، އދ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އަދި މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި މައްސަލަ އދ. ފެންފުށި އަދި މަހިބަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން