ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރެއިން ސިއްހަތަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަނީ ސިނގިރޭޓު ބުއިމަކީ ހަމައެކަނި ފުއްޕާމޭ ނުވަތަ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު އެންމެ ސިނގިރޭޓެއް ބުއިމަކީވެސް ދަރިމައިވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެ، ދަރިމައިވުން ލަސްވާ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އަންހެނުންނާއި ފިރިހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އަންހެނުންގެ ހަށިގަނޑުގައި އުފެދޭ ބިހުގެ ފެންވަރު ދަށްވުމާއި، ބިސް އުފެދޭ މިންވަރު މަދުވުމަކީ ދުންފަތުގެ ސަބަބުން ދިމާވާ މައްސަލަތަކެވެ. ހަމައެހެންމެ، ސިނގިރޭޓުގައި ހިމެނޭ ވިހަ މާއްދާތަކުގެ ސަބަބުން ރަހިމުގެ ފާރުގައި ދަރި އަށަގަތުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުން އިނދެގެން އުޅޭއިރު ބަނޑުބޮޑުވުމަށް ނަގާ މުއްދަތު، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނާ އަޅާބަލާއިރު މާ ގިނަކަން ފާހަގަކުރެވެއެވެ.

ފިރިހެނުންނަށް ބަލާއިރު، ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދަރިފަނި ނުވަތަ ސްޕާމްގެ ސިއްހަތަށް ސީދާ އަސަރުކުރާ ކަމެކެވެ. މީގެ ސަބަބުން ސްޕާމްގެ އަދަދު މަދުވުމާއި، އޭގެ ދުވެލި ދަށްވުމުގެ އިތުރުން، ސްޕާމްގެ ބައްޓަމަށް ބަދަލު އައުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ބިސް ފާޓިލައިޒްވުމަށް ދަތިތަކެއް ކުރިމަތިވެ، ދަރިމައިވުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

ދިރާސާތަކުން ހާމަވާ އެންމެ ކަންބޮޑުވާ އެއް ހަގީގަތަކީ، ދުވާލަކު އެންމެ ސިނގިރޭޓެއް ބުއިމުންވެސް މި ނުރައްކާ އޮތް ކަމެވެ. ގިނަ ބަޔަކަށް ހީވަނީ މަދުން ސިނގިރޭޓު ބުއިމުން އޭގެ ގެއްލުން ކުޑަވާނެ ކަމަށެވެ. ނަމަވެސް، ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ދުންފަތުގައި ހިމެނޭ ނިކޮޓީން އާއި އެހެނިހެން ކެމިކަލްތަކަކީ ހަށިގަނޑުގެ ހޯރމޯންތަކަށް ބަދަލު ގެނުވާ އެއްޗެހި ކަމުން، މަދުން ބޭނުންކުރުމަކީވެސް ރައްކާތެރި ގޮތެއް ނޫނެވެ.

ހަމައެކަނި ސީދާ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އިތުރުން، "ސެކަންޑް ހޭންޑް ސްމޯކިންގް" ނުވަތަ އެހެން މީހުން ބޯ ސިނގިރޭޓުގެ ދުމުގެ އަސަރު ފޯރާ މީހުންނަށްވެސް ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. އެހެންކަމުން، ދަރިއަކު ހޯދުމަށް މަސައްކަތްކުރާ ދެމަފިރިންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން ހުއްޓާލުމެވެ. ދުންފަތާ ދުރުވުމަކީ ދަރިމައިވުމުގެ ފުރުސަތު އިތުރުވުމުގެ އިތުރުން، އުފަންވާ ދަރިފުޅުގެ ސިއްހަތު ސަލާމަތުން ހުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު