ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރ ގޯތަމް ސިންގާނިއާ
ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރ ގޯތަމް ސިންގާނިއާ
އިންޑިއާގެ މަޝްހޫރު ކުންފުނި ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރ ގޯތަމް ސިންގާނިއާ ދަތުރުކުރި ލޯންޗެއް ރާއްޖޭގައި ބަންޑުން ޖަހާލައި، އޭނާއަށް އަނިޔާވި ހާދިސާގައި ދެ މީހަކު ވަނީ ގެއްލިފައެވެ. މި ލޯންޗަކީ އޭނާގެ ޔޮޓް، "ޓީޓީ އަޝޭނާ" އަށް ނިސްބަތްވާ އުޅަނދެކެވެ.

މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ވ. ފެލިދޫ ސަރަހައްދުގައެވެ. ހަތް މީހުންނާއެކު ދަތުރުކުރި މި ލޯންޗުގައި ސިންގާނިއާގެ އިތުރުން ރެލީ ޑްރައިވަރު ހަރީ ސިންގް އާއި، އިންޑިއާގެ ތިން ފިރިހެނުންނާއި، އިނގިރޭސިވިލާތުގެ އަންހެނަކާއި ރަޝިއާގެ އަންހެނަކު ތިއްބެވެ. މި ހާދިސާގައި ލޯންޗުން ދަތުރުކުރި ބައެއް މީހުން ސަލާމަތް ކުރެވުނު ނަމަވެސް، އިންޑިއާއަށް ނިސްބަތްވާ ދެ މީހަކު އަދިވެސް ފެނިފައެއް ނުވެއެވެ.

ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ލޯންޗް ކެޕްޓަން މަހޭޝް ރާމްޗަންދުރަން އާއި މަޝްހޫރު ރެލީ ޑްރައިވަރު ހަރީ ސިންގް ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސިންގާނިއާ ރާއްޖެއަށް ކުރި މި ދަތުރަކީ ޗުއްޓީ ދަތުރެއް ކަމަށް ބެލެވެއެވެ. ލޯންޗު ބަންޑުން ޖަހާލުމާ ގުޅިގެން ސިންގާނިއާ ވަނީ ސަލާމަތްކޮށް، އިތުރު ފަރުވާއަށް އެއަރ އެމްބިއުލާންސްގައި އިންޑިއާގެ މުމްބާއީއަށް ގެންގޮސްފައެވެ. އޭނާއަށް މިހާރު މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ސިންގާނިއާގެ ތަރުޖަމާނު ވިދާޅުވީ، މި ހާދިސާގައި އޭނާއަށް ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށެވެ. "ގޯތަމް ސިންގާނިއާއަށް ވަނީ ކުދި އަނިޔާތަކެއް ލިބިފައި. އޭނާ މިހާރު އަންނަނީ މުމްބާއީގައި ފަރުވާ ހޯދަމުން. އަދި ހާދިސާގައި ގެއްލުނު އެކުވެރިންގެ ސަލާމަތަށް އެދި ދުއާކުރަން." ތަރުޖަމާނު ވިދާޅުވިއެވެ.

ގޯތަމް ސިންގާނިއާއަކީ ކާކު؟

އުމުރުން 60 އަހަރުގެ ގޯތަމް ސިންގާނިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ފޭބްރިކް ކުންފުނި ކަމަށްވާ ރޭމަންޑް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރެވެ. އޭނާއަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް މިޝިގަން އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރަށްވާފައިވާ ބޭފުޅެކެވެ.

ސިންގާނިއާގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ބޮޑެތި މައްސަލަތަކެއް ފާއިތުވި ދުވަސްތަކުގައި ވަނީ ފެންމަތިވެފައެވެ. އެގޮތުން އޭނާގެ ބައްޕަ ވިޖޭޕަތު ސިންގާނިއާގެ އޮޓޯބަޔޯގްރަފީ "އެން އިންކޮމްޕްލީޓް ލައިފް" ގައި، ދަރިފުޅު އޭނާއާ މެދު ގޯސްކޮށް ކަންތައް ކުރާ ކަމަށާއި، މުދަލުގެ މައްސަލާގައި ދެބަސްވުންތައް ހުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން، ސިންގާނިއާ އާއި އޭނާގެ އަނބިކަނބަލުން ނަވާޒް މޯދީ ސިންގާނިއާގެ ކައިވެނި ރޫޅުމުގެ މަރުހަލާގައި ވަނިކޮށް، ނަވާޒް ވަނީ ސިންގާނިއާ އޭނާއަށާއި ދަރިފުޅު ނިހާރިކާއަށް ޖިސްމާނީ އަނިޔާކުރި ކަމަށް ތުހުމަތުކޮށްފައެވެ. ސިންގާނިއާގެ ދެ ދަރިން ތިބެއެވެ. އެއީ ނިހާރިކާ އަދި ނީސާއެވެ.



ކިޔުންތެރިންގެ ހިޔާލު