މާލީ ވަޒީރު މޫސާ ޒަމީރު
މާލީ ވަޒީރު މޫސާ ޒަމީރު
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުން ދިޔަ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ތެލުގެ އަގު ދެގުނައަށް ވުރެ ބޮޑުވެފައިވާކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ. ނަމަވެސް، މި ދަނޑިވަޅުގައިވެސް ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އަނެއްކާވެސް އިތުރަށް ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގައެއް ނެތް." ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ހަމައެއާއެކު ވަޒީރު ވިދާޅުވީ، ބައެއް ދާއިރާތަކަށާއި އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ތަކުލީފުތަކަށް ބަލައި، ސަރުކާރުން ދަނީ ތެލުގެ އަގު ބޮޑުނުކޮށް ހިފެހެއްޓުމަށްޓަކައި ސަބްސިޑީ ދެމުން ކަމަށެވެ. މީގެ ތެރޭގައި މަސްވެރިންނަށް ފޯރުކޮށްދޭ ތެލާއި، މާލޭގެ ޕެޓްރޯލް ޝެޑްތަކުން އާންމުން ގަންނަ ތެޔޮ ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ތެޔޮ ރައްކާކޮށްފައި ހުރި މިންވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި އެކަށީގެންވާ ވަރަށް ތެލުގެ ސްޓޮކް އެބަހުރި ކަމަށެވެ. އެގޮތުން، ދާދި ފަހުން އެސްޓީއޯގެ ދެ އުޅަނދު ކަމަށްވާ 'އަލިމަސް' އަދި 'ނިއޯން' އިން ތެޔޮ ބާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތެޔޮ ހިފައިގެން އިތުރު އުޅަނދުތައް ރާއްޖެ އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭޕްރިލް ދޭއް ނުވަތަ ތިނެއް ހިސާބުގައި ސިންގަޕޫރުން ބަރުކޮށްގެން އަންނަ އުޅަނދެއް އަންނާނެ. އޭގައި ޑީސަލާއި ޕެޓްރޯލް ހުންނާނެ. އަދި އޭޕްރިލް ހަތަރެއް ނުވަތަ ފަހެއް ހިސާބުގައި އޮމާންގެ ސޮހާރުން ބަރުކޮށްގެން އަންނަ ވެސަލްއެއްވެސް އަންނާނެ." ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ ވަޒީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ދުވަހުން ދުވަހަށް ބޭނުންވާ ތެޔޮ، މާތްﷲގެ އިރާދަފުޅާއެކު މެދުކެނޑުމެއް ނެތި ލިބެމުންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ވަނީއަރުވާފައެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު އީރާން ހަނގުރާމަ ފެށުނު ފަހުން ރާއްޖޭގައި ތެލުގެ އަގު ލީޓަރެއް 29 ރުފިޔާއަށް ވަނީ އުފުލިފައެވެ.



ކިޔުންތެރިންގެ ހިޔާލު