ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު
ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު
ޕީއެންސީގެ ތެރޭގައި ބާރުވެރިކަން ހޯދުމުގެ އޮއިވަރެއް ހިނގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި، ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު އޮތްކަން ހާމަކުރަށްވައިފިއެވެ.

މީސްމީޑިއާ މެދުވެރިކުރަށްވައި ޒަމީރު ވިދާޅުވީ، އޭނާއާއި އޭނާގެ އެކުވެރި މެންބަރުންގެ އިތުރުން ޕާޓީގެ ހުރިހާ މެންބަރުންވެސް ތިއްބެވީ ރައީސް ޑރ. މުޢިއްޒުގެ ޒައާމަތާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ކަމަށެވެ. އަދި އެބޭފުޅުންގެ އެންމެ އިސް އަމާޒަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދީ، ނަތީޖާ ނެރެދިނުން ކަމަށްވެސް ޒަމީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޒަމީރު ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީއެންސީން މިހާރުވެސް ތައްޔާރުވަމުންދާ ކަމަށާއި، އެ އިންތިޚާބުގައި އެ ޕާޓީގެ ލީޑަރާއި ކެންޑިޑޭޓަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ވަނީ ކަނޑައަޅާފައި ކަމަށެވެ.

ޒަމީރު މިހެން ވިދާޅުވެފައިވަނީ، ޕީއެންސީގެ ކޮންގްރެސް ކުއްލި ގޮތަކަށް ބާއްވަން ނިންމާފައިވަނީ އެ ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ނުފޫޒުގަދަ ބޭފުޅުންގެ ބާރު ކަނޑުވާލުމަށް ކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ޗީފް އޮފް ސްޓާފް އަޙްމަދު މުސްޠަފާ ފާޑުކިޔުންތަކެއް އަމާޒުކުރަށްވާފައިވާ ދަނޑިވަޅެއްގައެވެ.



މުސްޠަފާ ތުހުމަތު ކުރެއްވީ، ކުރިމަގުގައި ރައީސް މުޢިއްޒަށް ގޮންޖަހާފާނެ ފަދަ ވަރުގަދަ ޝަޚުޞިއްޔަތުތައް ކަމަށް ބެލެވޭ މޫސާ ޒަމީރުގެ އިތުރުން ޣައްސާން މައުމޫނާއި އާދަމް ޝަރީފް ފަދަ ބޭފުޅުން ޕީއެންސީން މިހާރު އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި ޒަމީރު ޕީއެންސީގެ ނައިބު ރައީސް ކަމަށް ޝައުޤުވެރިކަން ފާޅުކުރަށްވައި ކެމްޕޭން ކުރެއްވި ނަމަވެސް، ރައީސް މުޢިއްޒު އެ މަޤާމު ޒަމީރަށް ދެއްވަން ބޭނުންފުޅު ނުވާ ކަމަށްވެސް މުސްޠަފާ ވިދާޅުވިއެވެ.

މީގެ އިތުރުން މުސްޠަފާ ވިދާޅުވީ، ޕީޕީއެމްގެ ލީޑަރުންނަށް ބިރުދައްކައިގެން ޕާޓީގެ ބާރުތައް ރައީސްގެ މުށުތެރެއަށް ލެއްވިދާނެ ކަމަށެވެ. ނަމަވެސް، 2028 ވަނަ އަހަރަށް ރައީސް މުޢިއްޒު ބަދަލުކުރުމަށް ޕާޓީގެ ތެރޭގައި ފެށިފައިވާ ހަރަކާތަކީ ބިރުދެއްކުމަކުން ނުވަތަ ނުފޫޒަކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މި ހުރިހާ ތުހުމަތުތަކެއް ކުރެވުމުންދާ ދަނޑިވަޅެއްގައި ޕީއެންސީގެ އިސްބޭފުޅުން ގެންދަވަނީ، ރައީސް މުޢިއްޒަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރަށްވައި، ސަރުކާރުގެ ސިޔާސަތުތަކާއެކު ކުރިއަށް ވަޑައިގަންނަވާނެކަން ހާމަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު