ޕާކިސްތާނުގައި 2018 ވަނަ އަހަރު ހިނގާދިޔަ ހާދިސާގައި ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ކުރެވުނު މުޒާހަރާގެ ތެރެއިން
ޕާކިސްތާނުގައި 2018 ވަނަ އަހަރު ހިނގާދިޔަ ހާދިސާގައި ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ކުރެވުނު މުޒާހަރާގެ ތެރެއިން
ޕާކިސްތާނުގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް މަރާލާފައިވާ މައްސަލައެއް ޕާކިސްތާނުގެ ފުލުހުން ބަލަން ފަށައިފިއެވެ.

މި ތުއްތު ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ޕާކިސްތާނުގެ ޕެޝާވަރުގެ ޖައްބަ ކޮރޮނާ ސަރަހައްދުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ހާދިސާ އާ ގުޅޭ ގޮތުން ޝައްކު ކުރެވޭ ބަޔަކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރިކަމަށް ބުނި ނަމަވެސް، ތަހުގީގު ކުރެވެމުންދާ މައްސަލަ އަކަށްވާތީވެ ހައްޔަރު ކުރި މީހުންގެ އަދަދެއް އަދި ހައްޔަރު ކުރީ ކޮންބައެއް ކަމެއްވެސް ޕާކިސްތާނުގެ ފުލުހުން ހާމައެއް ނުކުރެއެވެ.

ޕާކިސްތާނުގެ މީޑިޔާތަކަށް މައުލޫމާތު ދެމުން، ތުއްތު ކުއްޖާ މަރާލުމުގެ ކުރިން އަނިޔާ ކޮށްފައިވާކަމުގެ ނިޝާންތައް ފެންނަންހުރި ކަމަށް ޕާކިސްތާނުގެ ފުލުހުން ހާމަކޮށްފައިވެއެވެ. އަދި މިކަމާގުޅޭގޮތުން ހޮސްޕިޓަލުން މީޑިއާތަކަށް މައުލޫމާތު ދެމުން، ތުއްތު ކުއްޖާ މަރާލުމުގެ ކުރިން އަނިޔާކޮށް ރޭޕް ކޮށްފައިވާކަމަށް ބުނެފައިވީނަމަވެސް އިތުރު ތަފްސީލު ލިބޭނީ މެޑިކަލް ރިޕޯޓްތައް ލިބުމުން ކަމަށްވެސް ޕާކިސްތާނުގެ ފުލުހުން ބުނެފައިވެއެވެ.

މިކަމާ ބެހޭގޮތުން ތުއްތު ކުއްޖާގެ އާއިލާ ގެ ފަރާތުން ބުނެފައިވަނީ، އަންގާރަ ދުވަހު ތުއްތު ކުއްޖާ ބޭރުގައި އެހެން ކުދިބަޔަކާއެކު ކުޅެން ހުއްޓާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާނެ ކަމަށާއި، ނަމަވެސް ދެން ފެނުނީ ދަރިފުޅު މަރުވެފައި އޮއްވައިކަމަށެވެ. އަދި މިމައްސަލަ ބަލައި، ކުއްވެރިވާ ހުރިހާ ފަރާތަކަށް ހައްގު އަދަބު ދިނުމަށް މި ތުއްތު ކުއްޖާގެ ބައްޕަ ވަނީ ގޮވާލާފައެވެ.

"މިއަދު މިކަން މިދިމާވީ އަހަރެންގެ ދަރިފުޅު ޒައިނަބާ، މާދަމާ އެހެން ޒައިނަބެއް." ޕާކިސްތާނުގެ މީޑިޔާތަކަށް މައުލޫމާތު ދެމުން ތުއްތު ކުއްޖާގެ ބައްޕަ ވަރަށް އަސަރާއެކު ބުނެފައިވެއެވެ.

މިހާދިސާ އާއެކު ޕާކިސްތާނުގެ ގިނަ ބަޔަކު، 2018 ވަނަ އަހަރު، ޕާކިސްތާނުގައި ހިނގާދިޔަ ހާދިސާގެ ހަނދާންތައް އާކޮށް، އަނެއްކާވެސް ޒައިނަބަކު ރަހުމް ކުޑަގޮތަކަށް މަރާލައިފަވާކަމަށް ބުނެ، ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އަޑުއުފުލަންފަށާފައިވެއެވެ. 2018 ވަނަ އަހަރު، 8 އަހަރުގެ، ޒައިނަބް އަމިން ރޭޕް ކޮށް ރަހުމް ކުޑަ ގޮތަކަށް ވަނީ މަރާލާފައެވެ. ޒައިނަބަށް އިންސާފު ހޯދައި ދިނުމަށް އެފަހަރުވެސް ގިނަ ބަޔަކު އަޑު އުފުލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން