ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގެ އިޖުރާއަތްތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަކާ ނުލައި ބޭރުކޮށްލުމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

މި މައްސަލައަކީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވިތާ 15 ދުވަސް ވީއިރުވެސް އެ ބިލާ މެދު ގޮތެއް ނިންމަވާފައި ނުވާތީ، އެ ބިލަކީ މިހާރު ބާތިލްވެފައިވާ ބިލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައެކެވެ.

މިކަމާ ގުޅިގެން ސުޢޫދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރިފަރެންޑަމަކަށް އަހަންޖެހޭ ކަމެއްގައި 15 ދުވަސް ތެރޭގައި ބިލާމެދު ގޮތެއް ނުނިންމުމުން ބިލު ބާތިލުވާނެ ކަމަށް ބުނެ ކުރި ދައުވާއަކީ ސީދާ އަޑުއަހަންޖެހޭ ކަމެއް ކަމަށެވެ.

"ސުޕްރީމް ކޯޓުން މި ކުރި ކަމަކީ އަޑުއެހުމެއް ވެސް ނުބާއްވައި ނިޔާ ކަނޑައެޅުން. ދައުވާ ކުރާ މީހާގެ ވާހަކަ އަޑުއެހުމެއްނެތި ނިޔާ ކަނޑައެޅުމަކީ ގޯހެއް ނޫންތޯ؟" ސުޢޫދު ސުވާލު އުފެއްދެވިއެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ރަޖިސްޓްރާގެ ނިންމެވުމުގައި ވަނީ، ބިލަކާމެދު ގޮތެއް ނިންމަން ގާނޫނުއަސާސީން ދީފައިވާ 15 ދުވަހުގެ މުހުލަތަކީ ރައީސުލްޖުމްހޫރިއްޔާ ބިލެއް ތަސްދީގު ނުކުރައްވަން ނިންމަވާ ހާލަތްތަކުގައި އަމަލުކުރަންޖެހޭ މުއްދަތެއް ކަމަށެވެ. އަދި މި ބިލަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން މެނުވީ ތަސްދީގު ނުކުރެވޭނެ ބިލަކަށް ވާތީ، 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ނުޖެހޭނެ ކަމަށް ރަޖިސްޓްރާ ކަނޑައެޅުއްވިއެވެ.

މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ހުސައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ފަސް އަހަރު ކަމަށާއި، މި ބިލު ފާސްކޮށްފައި އޮތް ގޮތުންވެސް މަޖިލީހުގެ އުމުރަށް ބަދަލެއް ނާންނަ ކަމަށެވެ. "މިހާރު އޮތް މަޖިލީހުގެ އުމުރު ކުރިވިޔަސް ދެން ހޮވޭ މަޖިލީހެއް ހޮވޭނީ ފަސް އަހަރަށް. އުމުރަށް ބަދަލެއް އައިކަމަށް ނުބެލެވޭނެ،" އޭނާ ވިދާޅުވިއެވެ.

ޢަލީ މިހެން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ނެރުއްވި ގަރާރަކުން، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު މި ރެފަރެންޑަމް ވޯޓު ނެގުމަށް ވަނީ ތާވަލުކޮށްފައެވެ. މި ގަރާރުގައި ހިމެނޭ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދެ ވަކީލަކު ހުށަހެޅި މައްސަލައެއް ސުޕްރީމް ކޯޓުން ބަލައިގަނެ، އެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އެމްޑީޕީން ވެސް މި ވޯޓާ ގުޅޭ މައްސަލަތަކެއް ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އޭޕްރީލް 4 ގައި ބާއްވާ މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 294،937 މީހުންނަށް ލިބިގެންވެއެވެ.



ކިޔުންތެރިންގެ ހިޔާލު